ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލްޘާނީއާ ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ.

ޝެރަޓަން ދޯހާ ހޮޓެލްގައި ބޭއްވެވި މި ބައްދަލުވުމުގައި ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމާއި، ސަރަހައްދީ މުހިންމު މައްސަލަތަކާމެދު މަޝްވަރާކުރައްވާފައިވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

Ad
rt

ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުވުމުގައި، އިސްރާއީލުން ޤަޠަރަށް އެޅި ޢުދުވާނީ ހަމަލާގައި ގިނަ ބަޔަކު ޝަހީދުވުމާ ގުޅިގެން ރައީސް މުޢިއްޒު ހިތާމަފުޅު ފާޅުކުރައްވައި، ޤަޠަރުގެ ވެރިކަމާއި ރައްޔިތުންނާއެކު ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

ޤަޠަރުގެ މިނިވަންކަމަށް އެޅޭ ހުރަސްތައް ކުށްވެރިކުރައްވަމުން، ސަރަހައްދުގެ އަމާންކަން ޤާއިމުކުރުމަށް ޤަޠަރުން ކުރައްވާ މަސައްކަތްތަކަށް ދިވެހިރާއްޖެއިން ފުރިހަމައަށް އެއްބާރުލުން ދޭނެކަން ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި އިސްލާމީ އަދި ޢަރަބި ޤައުމުތަކުގެ ކުއްލި ބައްދަލުވުމެއް ބޭއްވިކަމަށްޓަކައި ޤަޠަރުގެ ވެރިކަމަށް ތަޢުރީފުކުރައްވައި، ފަލަސްޠީނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޤަޠަރުން އަދާކުރާ ދައުރަށް ޝުކުރުވެރިވެވަޑައިގަތެވެ.

ދެޤައުމުގެ މަސްލަހަތު އެކުލެވޭ ކަންކަމުގައި އިތުރަށް ގުޅުން ހަރުދަނާކުރެވިދާނެ ގޮތްތަކާމެދުވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާއިރު، މިގޮތުން އެކި ދާއިރާތަކުން ޤަޠަރުން ދިވެހިރާއްޖެއަށް ދެއްވާ އެހީތެރިކަމަށް ރައީސް މުޢިއްޒު ޝުކުރު ދެންނެވިއެވެ.

ބައްދަލުވުން ނިމުމުގެ ކުރިން، އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަމާއި އެކުވެރިކަން ދެމެހެއްޓުމުގެ މުހިންމުކަން ދެ ޤައުމުގެ ވެރިން ފާހަގަކުރައްވައި، ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، މިނިވަން ފަލަސްޠީން ދައުލަތެއް ޤާއިމުކުރުމަށް އެހީތެރިވެދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.