ކީރިތި ޤުރްއާން ހިތުދަސްކުރާ ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު، މިއަހަރުގެ ރަމަޟާން މަހުގެ 27 ވިލޭރޭ ދެއްވާ ގޮތަށް ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މި އިނާމު މި ތާރީޚަށް ހަމަޖެއްސެވުމުގެ މައިގަނޑު ސަބަބަކީ، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ޙާފިޡުންނަށް ރަސްމީކޮށް ސަނަދު ހަވާލުކުރައްވަމުން ގެންދަވަނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ރަމަޟާން މަހުގެ 27 ވިލޭރޭ ބާއްވަވާ ޖަލްސާގައި ކަމަށްވާތީއެވެ. އަދި މި ޖަލްސާއަކީ ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމު ދިނުމަށް އެންމެ އެކަށީގެންވާ ފުރުޞަތު ކަމުގައި ފެނިވަޑައިގެންފައިވާތީކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މިދިޔަ އަހަރު ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމު ދެއްވާފައިވަނީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ. ނަމަވެސް މިއަހަރު މި އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ މާތް ރެއެއްގައެވެ.
ކީރިތި ޤުރުއާން ހިތުދަސްކޮށް ހާފިޒުކަމުގެ ސަނަދު ހާސިލްކުރާ ފަރާތްތަކަށް ދެމުން އަންނަ އެލަވަސް ބޮޑުކޮށް، މި ދިޔަ އޯގަސްޓް 4 އިން ފެށިގެން އަންނަނީ ޖަމާކޮށްދެމުންނެވެ.
ކުރިން ހާފިޒުންނަށް ސަރުކާރުން ދެމުން އައީ 2000 ރުފިޔާގެ އެލަވަންސްއެކެވެ. ނަމަވެސް އެ އަދަދު މިހާރު ވަނީ 4000 ރުފިޔާއަށް ބަދަލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!