އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު އާސެނަލުން ކާމިޔާބުކުރިއިރު، ޗެލްސީއާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ރޭ އާސެނަލްގެ ދަނޑުގައި ކުޅުނު މެޗުގައި، އެ ޓީމުން ނޮޓިންހަމް ފޮރެސްޓްގެ މައްޗަށް ކުރި ހޯދީ 3-0 ގެ ނަތީޖާއިންނެވެ.
މެޗުގައި އާސެނަލުން ލީޑުނެގީ 32 ވަނަ މިނިޓްގައެވެ. ކޯނަރެއް ކްލިއާކުރަން ފޮރެސްޓްފެ ޑިފެންޑަރަކު ބޮލުން ޖައްސާލިބޯޅަ ލިބުނީ އޭރިއާ މަތީގައި ހުރި ޒުބިމެންޑީއަށެވެ. އޭނާވަނީ އެ ބޯޅަ ވޮލީއަކުން ފޮރެސްޓްގެ ގޯލުގެ މަތީކަނަށް އަމާޒުކޮށްލާފައެވެ. މިއީ ރެއާލް ސޮސިއެޑާޑް ދޫކޮށް އާސެނަލާއި މި ފަހަރު ގުޅުނު ޒުބިމެންޑީ އެ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.
ދެ ވަނަ ހާފުގެ ކުޅުން ފެށިގެން 46 ސިކުންތު ތެރޭގައި، އާސެނަލަށް ދެވަނަ ލަނޑު ޖަހައިދިނީ މި ސީޒަނަށް އެ ޓީމާއި ގުޅުނު ފޯވާޑް ޔޯކަރޭސްއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެޒޭގެ އެހީތެރިކަމާއިއެކުއެވެ.
އާސެނަލްގެ ފަހު ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި، ލެއަންޑްރޯ ޓްރޮސާޑް ނަގައިދިން ބޯޅައަކުން ޒުބިމެންޑީއެވެ. ޒުބިމެންޑީ އެ ބޯޅަ ގޯލަށް ވައްދާލި ބޮލުންނެވެ. މިއީ ކެރިއަރުގައި މިހާތަނަށް ޒުބިމެންޑީ ބޮލުން ޖެހި ފުރަތަމަ ގޯލެވެ.
ރޭ ބްރެންޓްފޯޑުން ވަނީ އަމިއްލަ ދަނޑުގައި 2-2 ގެ ނަތީޖާއިން ޗެލްސީއާއި އެއްވަރު ކޮށްފައެވެ.
ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ބްރެންޓްފޯޑުންނެވެ. މި ލަނޑު މެޗުގެ 35 ވަނަ މިނިޓްގައި ޖަހައިދިނީ ކެވިން ޝާޑާ އެވެ. ފުރަތަމަ ހާފު ބްރެންޓްފޯޑުން ނިންމާލީ ލީޑުގައި އޮވެއެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ކޯލް ޕާމާ ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ޕާމާ ކުޅެން ނުކުމެފައި ވަނީ ވެސް ދެވަނަ ހާފުގައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް ކަސައިޑޯގެ ލަނޑުން ޗެލްސީން ލީޑުނެގިއެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގައި ކަވާލިއޯ ވަނީ ބްރެންޓްފޯޑަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!