ށ. މިލަންދޫގައި މީހުން އާބާދުވިތާ 25 އަހަރު ފާހަގަކުރުމަށް ބާއްވާ މަސްރޭހުގައި ބައިވެރިވުމަށް މިލަންދޫ ރައްޔިތުންނަށް ހުޅުވާލައިފިއެވެ.
"އާބާދު 25 މަސްރޭސް" ގެ ނަމުން ކުރިއަށްގެންދާ މި މަސްރޭހުގައި ބައިވެރިވުމަށް ހުޅުވާލަމުން މިލަންދޫ ކައުންސިލުން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި މަސްރޭހުގެ 1 ވަނަ ޓީމަށް 5000 (ފަސްހާސް ރުފިޔާ) އަދި 2 ވަނަ ޓީމަށް 3000 (ތިންހާސް ރުފިޔާ) އާއެކު 3 ވަން ޓީމަށް 1000 (އެއްހާސް ރުފިޔާ) ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.
މިގޮތުން މި މަސްރޭހުގައި ބައިވެރިވެރިވުމަށް ޝައުޤުވެރިވާ ޓީމުތައް 18 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހު މެންދުރު 2 ޖެހުމުގެ ކުރިން https://forms.gle/zYyyqyMGdVgMeEbK6 މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް މިލަންދޫ ކައުންސިލު އިދާރާއިން އެދިފައިވެއެވެ.
މީގެ އިތުރުން އެ އިދާރާއިން ބުނެފައިވަނީ މަސްރޭހުގައި ބައިވެރިވާ ޓީމުތަކުން ޓީމު އެކުލަވާއިރު ކޮންމެ ޓީމެއްގައިވެސް މަދުވެގެން 4 މެންބަރުން އަދި ގިނަވެގެން 10 މެންބަރުން ތިބެންވާނެކަމަށެވެ.
އެގޮތުން މި މަސްރޭސް ބޭއްވުމަށް ކަނޑައެޅިފައިވާ ތާރީހަކީ 20 ސެޕްޓެމްބަރ 2025 ވާ ހޮނިހިރު ދުވަހުކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
ކުރީގައި މީހުން ނޫޅޭ ރަށެއްގެ ގޮތުގައި އޮތް ށ.މިލަންދޫއަކީ، އެ އަތޮޅު މާކަނޑޫދޫގެ ރައްޔިތުން ބަދަލުވުމާއެކު 2005 ވަނަ އަހަރު އާބާދުވި ރަށެކެވެ. މާކަނޑޫދޫގައި ދިމާވި ތިމާވެށީގެ މައްސަލަތަކާއި، ފެން ތަޣައްޔަރުވުމާއި، ގެދޮރު އިމާރާތްކުރުމަށް ދަތިވުމުގެ ސަބަބުން 2000 ވަނަ އަހަރު ރައްޔިތުން ބަދަލުވާން ފެށިއެވެ.
2004 ވަނަ އަހަރުގެ ސުނާމީގައި މާކަނޑޫދޫއަށް ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން، ރައްޔިތުން މިލަންދޫއަށް ބަދަލުވުމުގެ މަސައްކަތް އިތުރަށް އަވަސްވެގެން ދިޔައެވެ. އަދި 20 މާރޗް 2005 ގައި ސަރުކާރުން މިލަންދޫ މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ރަސްމީކޮށް ހަމަޖެއްސިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!