ކުޅުދުއްފުށި ސިޓީގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އިސްރަށްވެހިންގެ ހަވީރު އިއްޔެ ބާއްވައިފިއެވެ.

65 އަހަރުން މަތީގެ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ މި ހަވީރަކީ، ދިވެހި ރެޑް ކްރެސެންޓުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ހަވީރެކެވެ.

Ad
rt

އެގޮތުން މިއަހަރުގެ އިސްރަށްވެހިންގެ ހަވީރު ބާއްވާފައިވަނީ އަލިފުޅުތުއްތު ފައުންޑޭޝަންގެ މާލީ އެހީތެރިކަމާއެކުއެވެ.

މި ހަވީރުގައި ސިއްހީ ގޮތުން ހޭލުންތެރިކުރުމުގެ ހަރަކާތްތަކާއި، ކުޅިވަރުތަކާއި، ގުޅުން ބަދަހިކުރުމުގެ ހަރަކާތްތަކުގެ އިތުރުން އެ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ހަރަކާތްތައް ހިމެނޭހެން އިތުރު މަޖާ އިވެންޓްތައްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

ކުޅުދުއްފުށީގައި ބޭއްވި އިސް ރަށްވެހިންގެ ހަވީރުގައި އިސް ރަށްވެހިން ބައިވެރިވަނީ، ފޮޓޯ: ސިޓީ ކައުންސިލް

މީގެ އިތުރުން ކުރީ އަހަރުތަކެކޭވެސް އެއްފަދައިން ކުޅުދުއްފުށީގެ އެކި މުއައްސަސާތަކުންވެސް މި ހަވީރުގައި ބައިވެރިވެފައިވާއިރު، މީގެ ތެރޭގައި، ސިޓީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ފެމިލީ އެންޑް ޗިލްރަންސް ސަރވިސް ސެންޓަރާއި، ދިވެހި ފުލުހުންގެ ޚިދުމަތުން އަދި ސްކޫލުގެ އިތުރު ހަރަކާތްތަކުގައި ހަރަކާތްތެރިވާ "ޔަންގް ލީޑަރސް" އިން ވަނީ ބައިވެރިވެފައެވެ.

މި ތަންތަނުގެ އިތުރުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ މެޑިކަލް ސްކޫލުގެ ދަރިވަރުންނާއި އަލްޒައިމާ ސޮސައިޓީންވެސް މި ހަވީރުގައި ބައިވެރިވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.