މެޗުގެ ބޮޑުބައި އެކަކު މަދުކޮށް ކުޅެ، ރެއާލް ސޮސިއެޑާޑް ބަލިކޮށް ރެއާލް މެޑްރިޑުން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ.

ރޭ ސޮސިއެޑާޑްގެ ދަނޑުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. ރެއާލުން މިވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބު ކޮށްފައެވެ. ހަތަރު މެޗުން ހޯދި 12 ޕޮއިންޓާއިއެކު ރެއާލް މިވަގުތު އޮތީ ތާވަލުގެ އެއްވަނާގައެވެ.

Ad
rt

ރޭ މެޗުގައި ރެއާލުން ލީޑު ނަގާފައި ވަނީ 12 ވަނަ މިނެޓުގައެވެ. ސޮސިއެޑާޑްގެ ޑިފެންސްގެ ފަހަތަށް ކުޅުނު ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ އެމްބާޕޭ ކީޕަރަށް އެއްވެސް ފުރުސަތެއް ނުދީ އެ ބޯޅަ ގޯލަށް ފޮނުވާލާފައެވެ.

މެޗު ޑޮމިނޭޓް ކޮށްގެން ރެއާލުން ކުޅެމުން ދަނިކޮށް އެ ޓީމަށް މައްސަލަތަކާއި ކުރިމަތިލާން ޖެހުނީ، 32 ވަނަ މިނެޓުގައި ޑިފެންޑަރ ހައުސަން އަށް ރަތްކާޑު ދެއްކުމުންނެވެ. އޭނާއަށް ރަތްކާޑު ދައްކާފައި ވަނީ ސޮސިއެޑާޑްގެ ފޯވާޑް އޮޔާޒަބަލް އަށް ކުރި ފައުލަކަށެވެ. ލާސްޓް ޑިފެންޑަރުގެ ގޮތުގައި ހުރެ ހައުސަން ކުރި މި ފައުލަށް ރަތްކާޑު ދެއްކިއިރު އެ ދެކުޅުންތެރިންނާއި އެއް ހަމައެއްފައި ރެއާލްގެ ޑިފެންޑަރ މިލިޓާއޯ ހުއްޓެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗް އެލަންސޯ ބުނީ އެއީ ރަތްކާޑެއް ނޫން ކަމަށާއި އެއީ ރީނދޫ ކާޑެއް ކަމަށެވެ. އޮޔާޒަބަލްއާއި ގޯލާއި ދެމެދު 40 މީޓަރުގެ ދުރުމިން ހުރިއިރު، އެއް ހަމައެއްގައި އިތުރު ޑިފެންޑަރެއް ވެސް ހުރުމުން، އޭނާގެ ވިސްނުމުގައި އެއީ ރީނދޫ ކާޑެއް ކަމުގައި އެލަންސޯ ބުންޏެވެ.

އެކަކު މަދުކޮށް ކުޅުނު ނަމަވެސް ރެއާލުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. އެމްބާޕޭއާއި ގުލާ ގުޅިގެން އުފެއްދި ހަމަލާއެއްގައި މި ލަނޑު ޖަހައިދިނީ ގުލާއެވެ.

ސޮސިއެޑާޑްގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ އޮޔާޒަބަލްއެވެ.