ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަކާ މެދު މަޝްވަރާކުރަމުންދަނިކޮށް، އިސްރާއީލުން ޤަޠަރުގެ ވެރިރަށް ދޯހާގައި ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށްކަމަށް ބުނެ ހަމަލާއެއް ދީފި އެވެ.
އެމެރިކާގެ ބައިވެރިއެއް ކަމުގައިވާ ޤަޠަރުގެ ސަރަޙައްދަށް ދިން މި ހަމަލާއަކީ، ހަނގުރާމަ ހުއްޓުވުމަށް ކުރެވެމުންދާ މަސައްކަތްތަކަށާއި، ހަނގުރާމައިގައި ހިފެހެއްޓިފައިވާ މީހުން ދޫކޮށްލުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު ބޮޑުކަމަށް ބައިނަލްއަޤުވާމީ ފަރާތްތަކުން ބުނެ އެވެ.
އެމެރިކާގެ ސިފައިންގެ އަދަދެއް ތިބި، ހަކަތައިގެ ގޮތުން މުއްސަނދި ޤައުމެއް ކަމުގައިވާ ޤަޠަރަކީ، އިސްރާއީލާއި ހަމާސްއާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރަމުން އަންނަތާ އަހަރުތަކެއް ވެފައިވާ ގައުމެކެވެ. މިގޮތުން، މިހާރުގެ ހަނގުރާމަ ފެށުމުގެ ކުރިންވެސް ޤަޠަރުން މިދައުރު އަދާކުރަމުން އައިސްފައިވެ އެވެ.
އިސްރާއީލްގެ ހަމަލާއަށް ފަހު ދޯހާގެ އުޑުމަތީގައި ދުންއަރަމުންދަނިކޮށް، ޤަޠަރުން ވަނީ މިކަން ވަރަށް ބޮޑަށް ކުށްވެރިކޮށް، މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އުސޫލުތަކާ ޚިލާފު ކަމެއްކަމުގައި ބުނެފައިވެ އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަން އަދި ސާފެއް ނުވެ އެވެ.
ހަމާސްގެ އިސް ލީޑަރުންނަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދެވިފައިވީ ނަމަވެސް، ހަމާސް އަދިވެސް ދެމިއޮތްކަން ފާހަގަކުރެވެ އެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާއިން ފެށިގެން މިހާތަނަށް އައިއިރު، ހަމާސްއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، ޣައްޒާގައި އަދިވެސް ހަމާސްގެ ހަރަކާތްތައް ދެމިއޮތްކަން ފާހަގަކުރެވެ އެވެ.
މި ހަމަލާއާއެކު ހަނގުރާމަ ހުއްޓުވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މުސްތަޤުބަލާ މެދު ޝައްކު އުފެދިފައިވާ ދަނޑިވަޅެއްގައި، އިސްރާއީލުން ޣައްޒާ ސިޓީ ހިފުމަށް ބޮޑު ހަމަލާއެއް ދޭން ތައްޔާރުވަމުން ދާކަމަށް ޚަބަރު ލިބެ އެވެ. މިކަމާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުން، އދ. ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސް ވެސް ހިމެނޭ ގޮތަށް، ކަންބޮޑުވުން ފާޅުކުރާ ފަރާތްތައް އިތުރުވަމުންދާއިރު، އިސްރާއީލުގެ ތެރޭގައިވެސް މިކަމާ ދެކޮޅު ފަރާތްތަކުން ބުނަނީ މިފަދަ ހަމަލާއަކުން ހިފެހެއްޓިފައިވާ މީހުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!