ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަތްރާގެ މައްޗަށް އިތުރު އެއް އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރަން އެ ގައުމުގެ އެންމެ މަތީ ކޯޓުން އަންގާރަ ދުވަހު އިއްވައިފިއެވެ.
މިއީ ކޮރަޕްޝަނާއި ބާރުގެ ނަހަމަ ބޭނުންކުރުމުގެ މައްސަލަތަކުގައި ކުރިން އިއްވާފައިވާ ޙުކުމްތަކާ ގުޅިގެން ނިންމި ނިންމުމެކެވެ.
ފަނޑިޔާރުންގެ ނިންމުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ތަކްސިންގެ އަދަބު ރަނގަޅަށް ތަންފީޒުކުރެވިފައި ނުވެއެވެ. އަދި ޕޮލިސް ހޮސްޕިޓަލުގައި އޭނާ ހޭދަކުރި ދުވަސްތައް ޖަލު ޙުކުމުގެ ތެރެއަށް ނުގުނޭނެ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
2023 ވަނަ އަހަރު ޤައުމަށް އެނބުރި އައުމަށްފަހު، އެންމެ ދުވަހެއްގެ މުއްދަތަށްވުރެ ކުރު ވަގުތުކޮޅެއް ޖަލުގައި ހޭދަކުރުމަށްފަހު، ބޭސްފަރުވާގެ ބޭނުމަށް ކަމަށް ބުނެ ތަކްސިން ވަނީ ބެންކޮކްގެ ޕޮލިސް ޖެނެރަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
2001 އިން 2006 އަށް ބޮޑުވަޒީރުކަން ކުރެއްވި ތަކްސިންގެ ވެރިކަން ނިމުނީ ސިފައިންގެ ބަޣާވާތަކުންނެވެ. އޭގެފަހުން އެ ޤައުމުގައި ބޮޑެތި ސިޔާސީ ހަމަނުޖެހުންތަކެއް ކުރިމަތިވިއެވެ. މީގެ ތެރޭގައި އޭނާއަށް ތާއީދުކުރާ ފަރާތްތަކާއި، މުއްސަނދި ޝަހަރުވަސީންނާއި، ރަސްކަމަށް ތާއީދުކުރާ ފަރާތްތަކާއި، އަދި ސިފައިންގެ މެދުގައި ބައިބައިވުން އުފެދުނެވެ.
ވެރިކަމުން ވައްޓާލުމަށްފަހު، ތަކްސިންއަށް ކުރިމަތިވީ އޭނާ ދެކޭގޮތުގައި ސިޔާސީ ބޭނުމަށް އުފައްދާފައިވާ އެތައް ޖިނާއީ ދަޢުވާތަކެކެވެ. ނަމަވެސް ފާއިތުވި މަހު، ރަސްގެފާނުގެ ގަދަރަށް އުނިކަން ގެނައުމުގެ ކުށުން އޭނާ ވަނީ ބަރީއަވެފައެވެ.
ތައި މަތީ ކޯޓުން މިއަދު އިއްވި ޙުކުމާއެކު، އޭނާގެ މައްޗަށް އިތުރު އެއް އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރަން ޖެހޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!