ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ތިލައުތުރު ރަންތާޖު މުބާރާތް މިއަންނަ 2026 ވަނަ އަހަރު ބޭއްވުމަށް ފަސްކޮށްފިއެވެ.
އެގޮތުން ހއ. އަތޮޅު ކައުންސިލުން މި ނިންމުން ނިންމާފައިވަނީ، އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ 167 ވަނަ އާންމު ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ހއ އަތޮޅު ކައުންސިލުން ވަނީ، ތިލައުތުރު ރަންތާޖު މުބާރާތް އެކި ފަހަރު މަތިން ފަސްވެފައިވާތީ ޤައުމީ މުބާރާތުގެ ޤަވާއިދަށް އަންނަ ބަދަލުތަކަށް ރިއާޔާތްކުރުމަށް ފަހު އަންނަ އަހަރު މި މުބާރާތް ބޭއްވުމަށް ނިންމާފައެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި، މި މުބާރާތް ބޭއްވުމަށް މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓުން މިއަހަރުގެ ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވާ ދަރިވަރުންނަށް ޕްރެކްޓިސް ކޮށް އެ މުބާރާތަށް ހަރަދުކުރުމަށް ފެންނަކަމަށް ހއ އަތޮޅު ކައުންސިލުން ވަނީ ފާސްކޮށްފައެވެ.
މި މުބާރާތް މިއަހަރު ބޭއްވުމަށް ކުރިން ހުޅުވާލި ޕްރޮޕޯސަލްގެ ދަށުން އެ ފުރުސަތު ހޯދާފައިވަނީ ހއ. ކެލާ އިންނެވެ.
ފާއިތުވި އަހަރު މި މުބާރާތް ބާއްވާފައި ވަނީ އެ އަތޮޅު އުތީމުގައެވެ. މިދިޔަ އަހަރު މުބާރާތުން އެންމެ މޮޅު ރަށަކަށް ހއ. ދިއްދޫ ހޮވުނުއިރު، މުޅި މުބާރާތުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ އިހަވަންދޫ ސްކޫލްގެ އައިމިނަތު ނަސްރަތުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!