ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް ގިނަ ދުވަހު އިޚްލާސްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ދެ މުވައްޒަފަކު ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފި އެވެ.

މި ދެ ބޭފުޅުންނަކީ ކުންފުނީގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންނެވެ.

Ad
rt

ރިޓަޔާކުރެއްވި ބޭފުޅުންގެ އަގު ވަޒަންކުރުމުގެ ގޮތުން ސްޓެލްކޯއިން ވަނީ އިއްޔެ ހާއްސަ ހަފުލާއެއް ބާއްވާފަ އެވެ. މި ހަފުލާގައި ރިޓަޔާކުރެއްވި ދެ ބޭފުޅުންނަށް އެކަމުގެ ލިޔުން ހަވާލުކޮށް ދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަމާހް ރަޝީދު އެވެ.

ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވި ދެ ބޭފުޅުންނަކީ ސްޓެލްކޯއަށް 28 އަހަރު ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ސީނިއާ ސްޓޭޝަން ސުޕަވައިޒަރު އަޙްމަދު ސަމީރު އާއި، ފަސް އަހަރު ޚިދުމަތް ކުރެއްވި ސާވިސް ސުޕަވައިޒަރު އިބްރާހިމް އަޙްމަދު އެވެ. އެ ދެބޭފުޅުން ވަނީ ކުންފުނީގެ އެކި ދާއިރާތަކުން މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ.

މި ހަފުލާގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ވަނީ ރިޓަޔާކުރެއްވި ދެ ބޭފުޅުންނަށް ކުންފުނީގެ ފަރާތުން ޝުކުރު އަދާކުރައްވާފަ އެވެ. އަދި އެ ދެބޭފުޅުންގެ ދިގު ޚިދުމަތަކީ ކުންފުނީގެ ކުރިއެރުމަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއް ކަމުގައި ފާހަގަކުރެއްވި އެވެ.