ށަވިޔަނި އަތޮޅު ކައުންސިލްގެ މަސައްކަތްތަކަކީ އެހެން ކައުންސިލްތަކަށް ނަމޫނާ ދައްކުވައިދޭފަދަ މަސައްކަތްތަކެއް ކަމަށް، އެ އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވީ، މިއަހަރުގެ ޤައުމީ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރުމަށް ށ.ބިލެތްފަހީގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ޝިޔާމްގެ ވާހަކާގައި ވިދާޅުވީ، އަތޮޅާއި ރަށްތަކަށް ވަރަށް ގިނަ ކަންތައް ކުރެވި، އެކުވެރިކަމާއި އެއްބައިވަންތަކަން ހިފެހެއްޓިފައިވާ ކަމަށެވެ. މި މޭރުމުން ދެއްކެވި ވާހަކާގައި އޭނާ ވަނީ ޑަބްލިޔުޑީސީތަކުން ރައްޔިތުންގެ އެކުވެރިކަން ދެމެހެއްޓުމަށް ކުރެއްވި މަސައްކަތާއި ހިންގެވި ވޯކްޝޮޕްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުން ކުރެއްވި މަސައްކަތްތަކުގެ ސަބަބުން ރަށްރަށުގައި ތިބެގެން އާމްދަނީ ލިބޭނެ ބޮޑެތި މަގުތައް ފަހިކޮށްދެވިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ، އަތޮޅު ކައުންސިލްގެ ކޮންމެ ގޮވާލުމަކަށް ރަށްރަށުގެ ރައީސުންނާއި ރައްޔިތުންނާއި ގުޅިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށެވެ. މީގެ މިސާލެއްގެ ގޮތުން ޤައުމީ ޖަލްސާ ބިލެތްފަހީގައި ބޭއްވުމުގެ ކަންކަމުގައި ދެއްވި އެއްބާރުލުން ފާހަގަކުރައްވައި، ބިލެތްފައްސަކީ އަތޮޅުގެ ކަންކަމުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދައްކާ ނަމޫނާއެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ. އަދި ޤައުމީ ދުވަހުގެ ޖަލްސާގައި ބައިވެރިވުމަށް ބިލެތްފައްސަށް އައިސް އެ ރަށަށް ފައިބައިގެން އައިއިރު ފެނުނީ، ސިޔާސީ ކުލަތަކުން ފިކުރެއް ވަތްކެއްނުވެ، ހަމައެކަނި ޤައުމީ ކުލަތަކުން ޖަރީވެފައިވާ ބިލެތްފައްސެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، ގިނަ ބަޔަކު ބިލެތްފަހި ސިފަކުރަނީ ދޮންވެލި ރީތި ތުނޑިއެއްގެ ގޮތުގައި ނަމަވެސް، އޭނާ ބިލެތްފަހި ފާހަގަކުރައްވަނީ ރާއްޖޭގައި މަދު، ކިއްސަރު ވަޑާމަށްވެސް އެންމެ މަޝްހޫރު ރައްޔިތުން ތިބޭ ރަށެއްގެ ގޮތުގައި ކަމަށެވެ. އަދި ރުކުފައްޗާއި އަތްތެރިމަސައްކަތްތަކަށް އެންމެ މަޝްހޫރު އެއް ރަށް ކަމަށް ބިލެތްފަހި ސިފަކުރައްވައި، އަތޮޅުގެ ކަންތަކުގައި ދެއްވާ އެއްބާރުލުން ޝިޔާމް ފާހަގަކުރެއްވިއެވެ.
ށ. އަތޮޅު ކައުންސިލްގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، އެވޯޑެއް ދޭނަމަ އެންމެ ފުރަތަމަ އެވޯޑެއް ލިބޭ ކައުންސިލަކަށް ށ. އަތޮޅު ކައުންސިލް ވާނެ ކަމަށެވެ. އަދި ކަންގަތި އެވޯޑުތަކުން އަތޮޅު ކައުންސިލްގެ ރެކްތައް ފުރިފައިވާ ކަމަށް ވިދާޅުވެ، މީގެ މާނައަކީ ށ. އަތޮޅުގެ ކަންތައް ކުރާގޮތް ވަރަށް ފުރިހަމަވުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އޭގެ ކުރިން ތިއްބެވި ވެރިން ވެސް ކަންކަންކޮށްދެއްވާފައި ހުރީ ވަރަށް ފުރިހަމައަށް ކަމަށާއި، މިހާރުގެ ކައުންސިލުން ދަމަހައްޓަމުން އަންނަނީ އެ ނަމޫނާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!