ށ. ފޯކައިދޫ ކައުންސިލުން އެރަށު ސްކޫލްގެ މަލްޓި ޕާޕަސް ހޯލު އޭސީކޮށްދީ، އަޕްގްރޭޑްކޮށް ދިނުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

ފޯކައިދޫ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ އަމާޒް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 10 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމާގޮތަށެވެ.

Ad
rt

މި މަޝްރޫޢު އާއި ގުޅިގެން ފޯކައިދޫ ކައުންސިލުގެ ރައީސް އަޙުމަދު އާސިފް "ތިލަދުން" އަށް ވިދާޅުވީ، ފޯކައިދޫ ކައުންސިލުން މި މަސައްކަތް ކުރުމަށް ރާވަފައިވަނީ ރަށު ސްކޫލްގެ ހޯލު ހޫނުގަދަވުމުގެ ސަބަބުންނާއި، އެކޯ މައްސަލަ އާއި ހުރެ ހޯލުގައި އަލި މަޑުކަމުން އިވެންޓްތައް ކުރިއަށް ގެންދިއުމަށް ދަތިވުމުގެ ސަބަބުންކަމަށެވެ.

" މަލްޓިޕާޕޯސް ހޯލް އަކީ ސްކޫލުގެ ވަރަށް ގިނަ ހަރަކާތްތަކުގައި ބޭނުންކުރާ ތަނަކަށް ވެފައި، ކައުންސިލް އާއި ޖަމިއްޔާ ތަކުގެ އިވެންޓްތަކަށް ވެސް ބޭނުން ކުރާ ތަނަކަށް ވުމުން މިތަން އެކަށީގެންވާ ގޮތެއްގައި ބޭނުންކުރެވޭނީ މި މައްސަލަތައް ހައްލުކުރެވިގެން" ރައީސް އާސިފް ވިދާޅުވެފައިވެއެވެ.

ރައީސް އާސިފް އިތުރަށް ވިދާޅުވެފައިވަނީ، ހޯލުގައި އޭސީ އެޅުވުމުގެ އިތުރުން އެކޯ މައްސަލަ ހައްލުކުރުމަށް ހޯލުގެ ސްޓޭޖް ހިމެނޭހެން ވަށައިގެން ދޮރުފޮތި ދެމުމާއި، ހޯލުގެ ލައިޓިންގ ހަދާފައިވާ ގޮތުން އަލި މަޑުވުމުގެ މައްސަލަ ހައްލުކުރުމަށް ލައިޓްތައް އެއްކޮށް ބަދަލުކުރުން ހިމެނޭކަމަށެވެ.

މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ސްޓޭޖެ ގެ ބެކްޑްރޮޕް ހަދަން ބޭނުންވާ 30 ޕްލައިވުޑް ފިލާ ވެސް ފޯކައިދޫ ސްކޫލައި ހަވާލުކުރެވިފައިވާކަމަށްވެސް އާސިފް ފާހަގަކުރައްވާފައިވެއެވެ.

ފޯކައިދޫ ކައުންސިލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ސްކޫލު ހޯލުގައި މުޅި ޖުމްލަ 12 އޭސީ ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭސީ ހަރުކުރުމުގެ މަސައްކަތައް މުޅި ޖުމްލަ 110000 ރުފިޔާ ހޭދަވާނެއެވެ.