ސީރީއާގެ ކުރީގެ ރައީސް ބަޝާރު އަލް-އަސަދުގެ ވެރިކަމުގައި އެ ގައުމުގެ ހޮމްސް ސިޓީގައި ހުރި ނޫސްވެރިންގެ މަރުކަޒަކަށް ބޮން އެޅުމާއި ގުޅިގެން ނޫސްވެރިންތަކެއް މަރުވެފައިވާ މައްސަލާގައި، ސީރިއާގެ ކުރީގެ ރައީސް އަސަދާއި އެ ޤައުމުގެ ކުރީގެ އިސް 7 އޮފިޝަލަކު ހައްޔަރުކުރުމުގެ އަމުރެއް ފްރާންސްގެ ކޯޓަކުން ނެރެފިއެވެ.

ފްރާންސްގެ ކޯޓަކުން މި އަމުރު ނެރެފައިވާ ކަމަށް ޝަރުޢީ މަސްދަރަކާއި އިންސާނީ ޙައްޤުތަކުގެ ޖަމްޢިއްޔާއަކާއި ހަވާލާދީ ''އަލްޖަޒީރާ''ގައި ރިޕޯޓްކޮށްފައިވާއިރު، މި އަމުރާއި ގުޅޭ ހާދިސާ ހިނގާފައި ވަނީ 22 ފެބްރުއަރީ 2012 ގައެވެ. އެ ދުވަހު ސީރިއާގައި ހުރި ނޫސްވެރިންގެ މަރުކަޒަކަށް ސީރިއާގެ ސަރުކާރު ސިފައިން ދިން ރޮކެޓް ހަމަލާއެއްގައި އެމެރިކާގެ މަޝްހޫރު ނޫސްވެރިޔާ މެރީ ކޯލްވިންއާއި ފްރާންސްގެ ފޮޓޯގްރާފަރު ރެމީ އޮޗްލިކް މަރުވެ، އިތުރު ދެ ނޫސްވެރިންނާއި ތަރުޖަމާނެއް ވެސް ވަނީ މަރުވެފަވެއެވެ.

Ad
rt

2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިދިކޮޅު ހަނގުރާމަވެރިން ސީރިއާގެ ވެރިކަމުގެ ބާރު ހޯދުމާ ގުޅިގެން ރަޝިއާއަށް ވަޑައިގެން އެ ގައުމުގެ ހިމާޔަތް ހޯއްދަވާފައިވާ އަސަދުގެ އިތުރުން އެ ދުވަސްވަރު ސީރިއާގެ 4 ވަނަ އާމަޑް ޑިވިޜަންގެ ޢަމަލީ އިސްވެރިޔާގެ ގޮތުގައި ހުރި އޭނާގެ އަޚް މާހިރު އަލް-އަސަދު އާއި އިންޓެލިޖެންސްގެ އިސްވެރިޔާ ޢަލީ މަމްލޫކް، އަދި އޭރު ސިފައިންގެ އެންމެ އިސް ވެރިޔާގެ ގޮތުގައި ހުރި ޢަލީ އައްޔޫބުގެ އިތުރުން އެހެން ބައެއް މީހުން ހައްޔަރުކުރުމަށް ވެސް އަމުރު ނެރެފައިވެއެވެ.

އިންސާނިއްޔަތާ ދެކޮޅަށް ކުރާ ކުށްތަކުގެ މައްސަލަތައް ފްރާންސްގެ ކޯޓުތަކުގައި ހުށަހެޅުމުގެ ފުރުޞަތު އެގައުމުން ދެއެވެ. ސީރިއާގެ މީޑިއާ އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް މަސައްކަތްކުރާ މަރުކަޒުން ބުނެފައިވަނީ، ބޭރުގެ ނޫސްވެރިންނަށް ގަސްތުގައި އަމާޒުކޮށްގެން މި ހަމަލާ ދީފައިވާ ކަމަށް ފްރާންސްގެ ޝަރުޢީ ތަޙްޤީޤުން ހާމަވެފައިވާކަމަށެވެ.

"ބާބު އަމްރުގައި ހުރި ރަސްމީ ނޫން ނޫސްވެރިންގެ މަރުކަޒަށް ދިން ހަމަލާއަކީ، ސީރިއާގެ ވެރިކަމުގެ ނިޒާމުން ކުރާ ކުށްތަކުގެ މީޑިއާ ކަވަރޭޖް މަދުކުރުމަށާއި، ބޭރުގެ ނޫސްވެރިން އެ ސިޓީންނާއި ޤައުމުން ފުރައިގެން ދިއުމަށް މަޖުބޫރުކުރުމަށް، ބޭރުގެ ނޫސްވެރިންނަށް އަމާޒުކޮށްގެން ދިން ހަމަލާއެއްކަން ޝަރުޢީ ތަޙްޤީޤުން ސާފުކޮށް ދައްކައިދީފައިވޭ،" ސީރިއާގެ މީޑިއާ އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް މަ ސައްކަތްކުރާ މަރުކަޒުގެ ޑިރެކްޓަރު ޖެނެރަލް އަދި ޤާނޫނީ ވަކީލު މާޒެން ދަރުވީޝް ވިދާޅުވެފަވެއެވެ.

ޕެރިސްގައި މައި އޮފީސް ހުންނަ އިންޓަރނޭޝަނަލް ފެޑެރޭޝަން ފޮރ ހިއުމަން ރައިޓްސް (އެފްއައިޑީއެޗް) އިން ފާހަގަކޮށްފައިވަނީ، ބަޝާރު އަލް-އަސަދުގެ ވެރިކަމުގެ ނިޒާމުން ކުރާ ކުށްތައް ލިޔެ ހާމަކުރުމަށްޓަކައި ހިޞާރުކޮށްފައިވާ އެ ސިޓީއަށް މި ނޫސްވެރިން ވަދެފައިވަނީ ސިއްރުން ކަމަށެވެ. އަދި އެމީހުންނަކީ "އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާއެއްގެ" ޝިކާރައަކަށްވެފައިވާ ބައެއް ކަމަށް ބުނެފަވެއެވެ.

އަންގާރަ ދުވަހު ނެރުނު މި އަމުރުތަކަށް މަރުޙަބާ ކިޔައި، އެފްއައިޑީއެޗްގެ ޤާނޫނީ ވަކީލު އަދި އޮޗްލިކްގެ މައިންބަފައިންގެ ވަކީލު ކްލެމެންސް ބެކްޓާޓް ބުނެފައި ވަނީ، މިއީ ބަޝާރު އަލް-އަސަދުގެ ވެރިކަމުގެ ނިޒާމުން ކޮށްފައިވާ ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ދެކޮޅަށް ކޮށްފައިވާ ކުށްތަކަށް ފްރާންސްގައި ޝަރީޢަތެއް ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދޭ ނިންމުންތެރި ފިޔަވަޅެއް ކަމަށެވެ.

ރަސްމީ ނޫން މި ނޫސްވެރިންގެ މަރުކަޒަށް ދިން ހަމަލާގައި އިނގިރޭސިވިލާތުގެ ފޮޓޯގްރާފަރު ޕޯލް ކޮންރޯއި، ފްރާންސްގެ ރިޕޯޓަރު އެޑިތް ބޫވިއޭ އަދި ސީރިއާގެ ތަރުޖަމާނު ވާއިލް އޮމަރު ވެސް ޒަޚަމްވިއެވެ.

ކޯލްވިންއަކީ ނުރައްކާތެރި ހާދިސާތައް ރިޕޯޓް ކުރުމަށް މަޝްހޫރު، އަދި ސްރީލަންކާގެ އަހުލީ ހަނގުރާމައިގައި ގޮވުމަކުން އެއް ލޮލުގެ ފެނުން ގެއްލުމާ ގުޅިގެން ކަޅު އައިޕެޗެއް އަޅައިގެން އުޅުނު ނޫސްވެރިއެކެވެ. އޭނާގެ ދިރިއުޅުމުގެ ވާހަކަ ކިޔައިދޭ "އަ ޕްރައިވެޓް ވޯރ" ނަމަކަށް ކިޔާ ފިލްމް ގޯލްޑަން ގްލޯބް އެވޯޑަށް ނޮމިނޭޓްވެފައިވެއެވެ.

ސީރިއާގެ ހަނގުރާމައިގެ ތެރޭގައި ހޯމްސްއަކީ ސީރިއާގެ ވެރިިކަމާއި ދެކޮޅަށް ހަނގުރާމުކުރި މީހުންގެ މުހިންމު މަރުކަޒެއްގެ ގޮތުގައި އޮތް ސިިޓީއެކެވެ. އަދި 2011 އިން 2014 އަށް އަލް-އަސަދު ސަރުކާރުގެ ބާރުތަކުން އެ ސިޓީ ހިޞާރުކޮށްފައި އޮތެވެ. ކީ ސީރިއާގެ ވެރިިކަމާއި ދެކޮޅަށް ހަނގުރާމުކުރި މީހުންގެ ބާރުތައް އެ ސިޓީން ފައިބައިގެން ދިއުމާއެކު މި ހިޞާރު ނިމުމަކަށް އައެވެ.

ސީރިއާގެ ޤާނޫނީ ސަރުކާރާއި ދެކޮޅަށް ހަނގުރާމަކުރި ޖަމާޢަތްތަކުގެ ބާރުގެ ދަށަށް 8 ޑިސެމްބަރު 2024 ގައި ވެރިރަށަށް ދިމިޝްޤު ގެނައުމާއެކު އެއިރު އުމުރުން 59 އަހަރުފުޅުގެއަސަދު ޢާއިލާއާއިއެކު ވަނީ ރަޝިޔާ އަށް ވަޑައިގެން އެ ޤައުމުން ހިމާޔަތް ހޯއްދަވާފައެވެ.