ނޭކުރެންދޫ ކައުންސިލްގެ ކުރީގެ މެމްބަރު މުހައްމަދު ޒާހިރު އެރަށު ސިއްހީމަރުކަޒުގެ ސިޔާސީ ވެރިޔަކަށް ހަމަޖައްސައިފިއެވެ.
ޒާހިރު އައްޔަނުކޮށްފައި ވަނީ ނޭކުރެންދޫ ސިއްހީ މަރުކަޒުގެ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށެވެ. އެ މަރުކަޒުން ވަނީ ޒާހިރު އެ މަގާމަށް ޢައްޔަނުކުރުމުން މަރުޙަބާ ކިޔާފައެވެ.
މި ހިނގާ ކައުންސިލް ދައުރުގައި ޕީޕީއެމްގެ ޓިކެޓެއްގައި ކައުންސިލްގެ ގޮޑި ކާމިޔާބުކުރި ޒާހިރު، ސިއްހީ މަރުކަޒުގެ ވެރިޔެއްގެ މަގާމަށް ގޮސްފައި މިވަނީ ކައުންސިލް މެމްބަރުކަމުން އިސްތިއުފާދެއްވުމަށްފަހުއެވެ. ޒާހިރަކީ ނިމިދިޔަ ކައުންސިލްގެ ދައުރުގައި ކައުންސިލްގެ ނައިބު ރައީސްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. ޒާހިރު ވަނީ އޭގެ ކުރީ ދައުރުވެސް ކައުންސިލް ގޮނޑިކާމިޔާބުކޮށް، ތިން ދައުރެއްގައި ކައުންސިލް މެމްބަރުކަން ކުރުމުގެ ފުރުސަތު ހޯދާފައެވެ.
މި ބަދާލައި ގުޅިގެން ''ތިލަދުން'' އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޒާހިރު ވިދާޅުވީ، ސިއްހީ މަރުކަޒުގެ ޚިދުމަތާއި ގުޅުނީ އެހެން ރޮނގަކުން ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމަށް ކަމަށެވެ.
''ސިއްހީ ދާއިރާ އަކީ ވެސް ރަށުގެ ރައްޔިތުންނަށް ވަރަށް މުޙިއްމު ދާއިރާއެއް، އެހެންވެ މި ދާއިރާއިން ވެސް ރަށަށް، ރައްޔިތުންނަށް ޚިދުމަތްކޮށްދީ، ކުރިއެރުންތަކެއް ގެނެވޭތޯ މަސައްކަތް ކުރުމަށް މި ބަދަލަށް މި ދިޔައީ'' ޒާހިރު ވިދާޅުވެފައެވެ.
ޒާހިރަކީ ނޭކުރެންދޫގެ ކުޅިވަރުގެ ދާއިރާގެ ވެސް ވަރަށް ބޮޑު ޚިދުމަތްތެރިއެކެވެ. ''ޒާހިރު ސްޕޯޓްސް އެކަޑަމީ''ގެ ނަމުގައި އޭނާ ފުޓްބޯޅަ އެކަޑަމީއެއް ހިންގާތާ މިހާރު 10 ވަރަކަށް އަހަރުވެއްޖެއެވެ. އެ އެކަޑަމީގައި އަންނަނީ ނޭކުރެންދޫގެ ކުދިން ފުޓްބޯޅައަށް ތަމްރީނުކޮށްދީ، ވާދަވެރި މުބާރާތްތައް ކުޅުމުގެ ފުރުސަތު ވެސް ހޯދައިދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!