ކުޅުދުއްފުށީ ސިޓީގެ މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ ބައެއް މަގުތައް، ރޭސިންގ އަށް ބޭނުންކުރެވޭ ގޮތަށް ހަދައިދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ، ހދ. އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހުން ފެށިގެން ބުދަ ނިޔަލަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން، އަންގާރަ ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ކުޅިވަރުގެ ތެރޭގައި ހިމެނޭ ރޭސިންގ އަށް ހާއްސަ މަގުތަކެއް ހެދުމަކީ އެ ސިޓީގެ ރޭސިންގައި އުޅޭ ޒުވާނުންނަށް އެމަނިކުފާނުގެ ވެވަޑައިގެންފައިވާ ވަޢުދެއް ކަމަށެވެ.
މަގުހެދުމުގެ ދެވަނަ ފިޔަވަހި ނުނިމި ތިންވަނަ ފިޔަވަހި ފަށާތީ ބައެއް ފަރާތްތަކުން ސުވާލު އުފައްދާފާނެކަން ފާހަގަކުރަށްވައި ރައީސް ވިދާޅުވީ، ދެވަނަ ފިޔަވަހީގެ ތާރުއެޅުމުގެ މަސައްކަތް މިހާރު ހަމަޖެހިފައިވާ ކަމަށާއި، ފިނޭންސް މިނިސްޓްރީން އެކަމަށް ބޭނުންވާ ހުރިހާ އިންތިޒާމުތަކެއް، އެ ފަރާތުގެ ޕޭމަންޓްގެ ކަންތައްވެސް ހަމަޖައްސައިދީފައިވާ ކަމަށެވެ. އެހެންކަމުން، އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.
ތިންވަނަ ފިޔަވަހީގެ މަސައްކަތް މިހާރު މި އަހަރުގެ ބަޖެޓުގެ ތެރޭގައި ހިމެނޭ ސްކޯޕަށް ހަވާލުކޮށްފައިވާ ކަމަށާއި، ނަމަވެސް އެ ފިޔަވަހި ނިމިގެންދާނީ އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިންވެސް އިތުރަށް ފައިސާ ހިމެނި، ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ކުޅުދުއްފުށި ސިޓީގެ ހުރިހާ މަގެއް ހަދައި ނިމިގެން ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމުގެ ޔަގީންކަން އެ ސިޓީގެ ރައްޔިތުންނަށް ރައީސް ދެއްވިއެވެ.
ރޭސިންގ އަށް ބޭނުންކުރެވޭ ގޮތަށް ހަދާނެ މަގުތައް ކަނޑައެޅުމުގައި، ކައުންސިލާ އަދި ކަމާބެހޭ ރޭސިންގ ކަންތަކުގައި އުޅޭ ފަރާތްތަކާ މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަގުތަކުގެ ޑިޒައިން، ރޭސިންގ އަށް ބޭނުންކުރެވޭ ފަދަ ގޮތަކަށް ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
''ދެން މީގެތެރޭގައި، ބައެއް މަގުތައް އަޅުގަނޑު ވަޢުދުވީގޮތަށް، މަދު ބައެއް މަގުތައް އަޅުގަނޑުމެން ކައުންސިލާވެސް އަދި ކަމާބެހޭ ރޭސިންގ ކަންތަކުގައި އުޅޭ ކުދިންނާވެސް، ފަރާތްތަކާވެސް މަޝްވަރާކޮށްގެން އަޅުގަނޑުމެން ކަނޑައަޅާނަން، އެ ޑިޒައިން، އެ ސްޓްރެންތް، ނޫނީވިއްޔާ އެ ޑިޒައިން ކުރެވިގެންދާ ދިޔުމުގައި، ރޭސިންގއަށް ބޭނުންކުރެވޭ ގޮތަށް. އެހެންވީމާ، އެކަން އަޅުގަނޑުމެންގެ ޕްލޭންގައި އޮތް ވާހަކަ ހަނދާންނުނެތޭކަން، އަދި އެކަން ކުރަން ނިންމާފައި އޮތްކަން ޔަޤީންކޮށްދިނުމުގެ ގޮތުން މި ދަންނަވާލީ.'' ރައީސް ވިދާޅުވެފަވެއެވެ.
ކުޅުދުއްފުށީ ސިޓީގެ މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ ބައެއް މަގުތައް، ރޭސިންގ އަށް ބޭނުންކުރެވޭ ގޮތަށް ހަދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއިރު، އެ ސިޓީ އަކީ ރާއްޖޭގައި ރޭސިންގެ ދާއިރާގައި ވަރަށް ފާހަގަކޮށްލެވޭ ޒުވާނުންތަކެއް ތިބި ރަށެކެވެ. އަދި އެ ސިޓީގެ ޒުވާނުން އަންނަނީ ގައުމީ ފެންވަރުގެ ރޭސިން މުބާރާތްތަކުން މަތީ ވަނަތައް ހޯދަމުންނެވެ.
ރައީސް މުޢިއްޒު އިއްޔެ ވަނީ ހދ. އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!