ހދ. ކުމުންދޫ ރައްޔިތުން އެދޭ ލޮކޭޝަންގައި އައު ބަނދަރެއް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް، ގިނަވެގެން ދެ މަސް ތެރޭގައި ފައްޓަވައިދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ހދ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި އިއްޔެ މެންދުރު ކުމުންދޫގައި ރައްޔިތުންނާ ބައްދަލުކުރައްވައި ބޭއްވެވި ޖަލްސާއެއްގައެވެ.

Ad
rt

ރައީސް މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ފަހު މަންޒިލަކީ ކުމުންދޫއެވެ. އިއްޔެ މެންދުރު އެ ރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، އެ ރަށުގެ ތަރައްޤީއަށް ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ބަނދަރުގެ މައްސަލަ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ކުރީގައި ހައުސިންގ މިނިސްޓްރީ ހިންގަވަން އުޅުއްވި އިރުއްސުރެ އެ ރަށުގެ ބަނދަރުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް، މިހާތަނަށް ރައްޔިތުންނަށް ދިމާވެފައިވާ އުނދަގޫތަކަށް ދާއިމީ ހައްލެއް ނުލިބި، މިހާރު ބަނދަރު އޮތް ތަނުގެ ސަބަބުން އެކަން ހައްލުނުވާކަން އެއޮތީ ޔަޤީންވެފައި ކަމަށެވެ. އެހެންކަމުން، މި މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުމަކީ އެމަނިކުފާނުގެ އެންމެ އިސް ވާޖިބު އަދި ޒިންމާ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ޔަޤީންކަން ދެއްވަމުން ވިދާޅުވީ، މިހާރު ބަނދަރު އޮތްތަން ނޫން، ރައްޔިތުން ބޭނުންވާ ލޮކޭޝަންގައި، އެ ރައްޔިތުން ބޭނުންވާ ގޮތަށް ބަނދަރުގެ ޢަމަލީ މަސައްކަތް ގިނަވެގެން ދެ މަސްދުވަހުގެ ތެރޭގައި ފަށާނެ ކަމަށާއި، އަދި އެގޮތަށް ފަށައިގެން ހުއްޓައިނުލާ، ބާރު ސްޕީޑުގައި މަޑުޖެހުމެއްނެތި މަސައްކަތް ކުރިޔަށްގެންގޮސް ނިންމައިދެއްވާނެ ކަމަށެވެ.

''މި މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދިނުމަކީ، އަޅުގަނޑުގެ އެންމެ އިސް ވާޖިބު އަދި ޒިންމާ. އަޅުގަނޑުމެން އެހެންވީމާ، މިހާރު މި ބަނދަރު އޮތްތަން ނޫން، ރައްޔިތުން ބޭނުންވާ ލޮކޭޝަންގައި، ތަނުގައި އިރާދަކުރެއްވިއްޔާ ރައްޔިތުން ބޭނުންވާ ގޮތަށް، މި ބަނދަރުގެ ޢަމަލީ މަސައްކަތް، ގިނަވެގެން ދެ މަސްދުވަހުގެ ތެރޭގައި ފަށާނެ ވާހަކަ ދަންނަވަން. އަދި އެގޮތަށް ފަށައިގެން ހުއްޓައިނުލާ، ބާރު ސްޕީޑްގައި މަޑުޖެހުމެއްނެތި ގެންގޮސް ނިންމައިދޭނެ ކަމުގެ ޔަޤީންކަންވެސް ތިޔަބޭފުޅުންނަށް އަރުވަން'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ، ކުމުންދޫ ބަނދަރު މަޝްރޫޢަކީ ރަށުގެ ތަރައްޤީއަށް ހުރި ކަންކަމަށް ބަލާއިރު، އެންމެ ދަތިވެފައިވާ، އެންމެ ބޮޑު މައްސަލަ ކަމަށެވެ. އެހެންކަމުން، އެކަމަށް އެންމެ އިސްކަމެއް ސަރުކާރުން ދެއްވާނެ ކަމަށާއި، މި މައްސަލަ ހައްލުކުރާއިރު، ބަނދަރާ ގުޅިފައި ހުރި އެހެން ބައެއް މައްސަލަތައްވެސް ހައްލުކުރުމަށް ސަމާލުކަންދެއްވާނެ ކަމަށެވެ. އެގޮތުން ޚާއްޞަގޮތެއްގައި، މޫދަށްއެރޭ ބީޗެއް، ނުވަތަ ސަރަޙައްދެއް ހެދުން، ބަނދަރުގެ މަޝްރޫޢުގައި ހިމަނައިގެން ކުރިޔަށްގެންގޮސްދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މީގެއިތުރުން، ފެނާއި ނަރުދަމާގެ ޚިދުމަތް ނިމިފައި އޮތް ކުމުންދޫގައި، މަގު ހެދުމުގެ މަޝްރޫޢަކީވެސް ވަރަށް މުހިންމު މަޝްރޫޢެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މަގުތައް ރަނގަޅު ފެންވަރަކަށް ހެދިގެންދިޔުމުން، ދުވަހުން ދުވަހަށް ދިރިއުޅުމަށް ފަސޭހަވެ، އިޤްތިޞާދީ ގޮތުން ރަށަށް ކުރިއެރުން ލިބި، ވިޔަފާރިތައް އިތުރުވެ، އިންވެސްޓަރުން ގެނައުމަށް އެހީތެރިވެގެންދާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. އެހެންކަމުން، އެއީވެސް ޔަޤީނުންވެސް ސަރުކާރުން އިސްކަންދެއްވާނެ މުހިންމު މަޝްރޫޢެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.