ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ކޭޕީއެލް) އާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިއަދު ކުޅުދުއްފުށީ ޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ ގޮތުން، މި އެއްބަސްވުމުގައި އިޤްތިޞާދީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު މުޙައްމަދު ސަޢީދުއެވެ. އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުޙައްމަދު ރިޝްވާންއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަތޮޅު ތެރޭގައި ވިޔަފާރިތައް ކުރިއެރުވުމާއި ދަތުރުފަތުރާއި މުދާ ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމަށް އެކުލަވާލާފައިވާ ތަޞައްވުރުގެ ދަށުން، ކުޅުދުއްްފުށި ވިޔަފާރި ބަނދަރުން ކުރިން ނުލިބޭ މުހިންމު ޚިދުމަތްތަކެއް މިއަދު ވަޒީރު ވަނީ ރަސްމީކޮށް އިފްތިތާހްކޮށްދެއްވާފައެވެ.
އެގޮތުން ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، ކުޅުދުއްފުށި ވިޔަފާރި ބަނދަރުން ފެށި ހަތަރު ޚިދުމަތްތަކަކީ ޑިއުޓީ ފްރީ ބޮންޑެޑް ޒޯނުގެ ޚިދުމަތާއި، ބޮންޑެޑް ވެއަރހައުސްގެ ޚިދުމަތާއި، ހިލަ އަދި ހިލަވެލި ސްޓޯރޭޖްގެ ޚިދުމަތުގެ އިތުރުން ޑޮމެސްޓިކް ކީގެ ޚިދުމަތް ފެށުމެވެ.
ސަރުކާރުން ވިދާޅުވީ، ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު އެމްޕީއެލްއާ ހަވާލުކުރެވުމަކީ ދިވެހިރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް، ޝެޑިއުލް ކުރެވިގެން މުދާ އުފުލާނެ ނިޒާމެއް ޤާއިމްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށާއި އަމާޒަކީ އަތޮޅުތަކުގެ ސަޕްލައި ޗެއިންގެ އެފިޝިއެންސީ އިތުރުކޮށް، މުދާ ގެނައުމުގައި ކުރަންޖެހޭ ޚަރަދު ކުޑަކޮށް ހެޔޮ އަގެއްގައި އަތޮޅުތަކަށް މުދާ އެތެރެކުރުންކަމަށެވެ.
މީގެ އިތުރުން މިކަމުންވެސް އިޤްތިޞާދު ކުރިއަރައިގެން ދިއުމަށް ފަހި ފުރުސަތަކަށް ވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!