މަކުނުދޫ އެއާޕޯޓް ވެގެންދާނީ ރަށުގެ އިޤްތިސާދީ ކުރިއެރުން އެހެން ހަރުފަތަކަށް ގެންދިއުމަށް ހުޅުވޭ މުހިންމު ދޮރާއްޓަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު މަކުނުދޫ އަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގަައި ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުގެ ދަށުން މަކުނުދޫގައި އެއާޕޯޓެއް ގާއިމްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ.

އެކަމުގެ ސަބަބުން ރަށުގެ ދަތުރުފަތުރާއި އިޤްތިޞާދަށް އަންނާނެ ކުރިއެރުން ފާހަކުރައްވައި، އެއާޕޯޓް ވެގެންދާނީ ރަށުގެ އިޤްތިސާދީ ކުރިއެރުން އެހެން ހަރުފަތަކަށް ގެންދިއުމަށް ހުޅުވޭ މުހިންމު ދޮރާއްޓަކަށްކަމަށް ރައީސް ވިދާޅުވިއެވެ.

މަކުނުދޫގެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގައި މިއަދުގެ ޖަލްސާގައި ވަނީ ސޮއިކުރައްވާފައެވެ. އޭގެ ތެރޭގައި މަކުނުދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު، އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު އަދި މަކުނުދޫ މަގުހެދުމުގެ އެއްބަސްވުން ހިމެނެއެވެ.

މި މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ، މަކުނުދޫގައި 1800 މީޓަރުގެ ރަންވޭއެއް ހެދުމާއި، އެއާޕޯޓްގެ އިންފްރާސްޓްރަކްޗަރ އިތުރުކުރުމަށާއި ރަށުގެ ގެދޮރުއެޅުމާއި އެހެނިހެން ބޭނުންތަކަށް ބޭނުންވާވަރަށް ބިންހިއްކުމުގެ މަސައްކަތް އެމްޓީސީސީން ކުރިއަށް ގެންދަވާނެކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރަށުގެ ބޭނުމަށް ބާވީސް ހެކްޓަރުގެ ބިންހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. މަކުނުދޫ އެއާޕޯޓް އޮޕަރޭޓް ކުރުމުގެ މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަކުނުދޫގެ ޞިއްހީ ހިދުމަތް ފުޅާކުރުމަށް ކުރިއަށް ގެންދަވާ މަޝްރޫއަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ ރަށުގެ ޞިއްހީ މަރުކަޒު ތަރައްޤީ ކުރަނީ އެންމެ މަތީލެވެލް ކަމަށްވާ، ލެވެލް ހަތަރެއްގެ ޞިއްހީ މަރުކަޒެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ޖާގައާއި ވަސީލަތްތައް އިތުރުވެގެންދާއިރު، އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކާއި، ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރަކާއި އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރެއްގެ އިތުރުން އެކްސްރޭގެ ޚިދުމަތާއި ޑަޔަލިސިސްގެ ޚިދުމަތް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، މިއަދު މަކުނުދޫގައި އަމަލީ މަސައްކަތް ފެށި އަދި ސޮއިކުރެވުނު ކޮންމެ މަޝްރޫޢަކީވެސް ވަރަށް ގާތުން ބައްލަވައި، ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ހަލުވި ދުވެލީގައި ކުރިއަށްގެންދަވާނެ މަޝްރޫޢެއް ކަމަށެވެ.