ހދ. ވައިކަރަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މިއަދު ވައިކަރަދޫގައި ބޭއްވުނު ރަސްމިއްޔާތުގައި މި މަޝްރޫޢު ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލްފާޟިލް ޙަސަން ރަޝީދެވެ.
34.40 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް 330 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ދަށުން، 2700 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 366 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ލުމާއި، 74 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓެއް ޖެހުމާއި، 60 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިންއެއް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
1800 މީހުންގެ އާބާދީއެއް އޮންނަ ވައިކަރަދޫގައި ކުރިއަށް ގެންދާ މި މަޝްރޫޢުގެ މަސައްކަތް ނިމުމުން، މިހާރު އޮތް ބަނދަރުގެ ޑިޒައިނަށް ބަދަލުތަކެއް އައިސް، ނެރު ފުޅާވެގެން ދިއުމާއެކު، އުދަ އެރުމުގެ މައްސަލަ ހައްލުވެގެން ދާނެއެވެ. އަދި ފަޅަށް ވަންނަ މަސް މަރުވުމުގެ މައްސަލަވެސް ހައްލު ވެގެން ދާނެއެވެ.
1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީން ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމާފައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!