ރާއްޖޭގެ ބާޒާރަށް ނެރެފައިވާ ލުއިބުއިމެއް ކަމަށްވާ 'ޑރ. ޕެޕާ' ނުވިއްކައި، ނައްތާލުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.

މިފަދައިން އަންގާފައިވަނީ މި އުފެއްދުމުގައި ހުންނަންޖެހޭ މިންވަރަށްވުރެ އިތުރަށް ބެންޒޮއިކް އެސިޑް އެކުލެވިގެންވާކަން ފާހަގަކުރެވިފައިވާތީއެވެ.

Ad
rt

އެމްއެފްޑީއޭއިން ހާމަކުރި ގޮތުގައި، މި މައްސަލަ ފާހަގަކުރެވިފައިވަނީ ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (އާރްއޭއެސްއެފްއެފް) މެދުވެރިކޮށް އެ އޮތޯރިޓީއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެންނެވެ. ބެންޒޮއިކް އެސިޑަކީ ސޮފްޓް ޑްރިންކްތަކުގައި ބެކްޓީރިއާ ފަދަ މާއްދާތައް އުފެދުން ހުއްޓުވުމަށް ބޭނުންކުރާ ޕްރެޒަވޭޓިވްއެކެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެމްއެފްޑީއޭއިން ވަނީ މި އުފެއްދުން އިތުރަށް ރާއްޖެއަށް އެތެރެ ނުކުރުމަށާއި، ވިއްކުން ހުއްޓާލުމަށާއި، ބޭނުން ނުކުރުމަށް އަންގާފައެވެ. އަދި މިހާރު ބާޒާރުގައި ހުރި 'ޑރ. ޕެޕާ' ނަގައި ނައްތާލުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް 3034213 އަދި 7603204 ނަންބަރާ ގުޅުމަށް އެމްއެފްޑީއޭއިން ވަނީ އާންމުންނަށް އަންގާފައެވެ.

އެހެންނަމަވެސް، މިފަދަ ތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ކުރިން އޭގެ ރައްކާތެރިކަން ނުބެލޭ ސަބަބާމެދު ގިނަ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ސަބަބަކީ މިފަދަ އެތައް ބާވަތެއްގެ ކާބޯތަކެއްޗާއި ބޭސް ރާއްޖެއަށް އެތެރެކޮށް، ބޭނުންކުރަން ފެށުމަށްފަހު ދުވަސްތަކެއް ވީފަހުން އެއީ ރައްކާތެރިނޫން ތަކެތި ކަމުގައި ފާހަގަކުރެވެމުންދާތީއެވެ.