ހދ. ނޮޅިވަރަމް ފުޓުބޯޅަ ދަނޑު ފީފާ ސްޓޭންޑަޑަށް އަޕްގްރޭޑްކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ނޮޅިވަރަމަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ވަނީ ނޮޅިވަރަމްގެ ތަރައްޤީއަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން، ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާއިންވެސް، ނޮޅިވަރަމުގައި ޤާއިމުކުރާ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ތަރައްޤީ ކުރާނީ އެހެން ރަށްރަށަށް ވުރެ ފުޅާކޮށް، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސެއްގެ ގޮތުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އެރަށުގެ ފުޓުބޯޅަ ދަނޑުވެސް ފީފާ ސްޓޭންޑަރޑްގެ ފުޓުބޯޅަ ދަނޑަކަށް އަޕްގްރޭޑްކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

ރައީސް ވަނީ މިހާރު ފެށިފައިވާ މަލްޓިޕަރޕަސް ހޯލްގެ މަސައްކަތުގައި ސްކޫލަށް ބޭނުންވާ އިތުރު ބިނާރުގެ މަސައްކަތް ހިމަނުއްވާނެކަމަށާއި، އެ ރަށުގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރެއްވުމުގެ މަސައްކަތް މި އަހަރު ފަށާނެކަމަށް ވެސް އިޢުލާނު ކުރައްވާފައެވެ.

ނޮޅިވަރަމްގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ވެސް ރައީސް ވަނީ ވަޢުދުވެވަޑައިގެންފައެވެ. އެގޮތުން، ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި، ދަނޑުބިންތަކަށް ކަރަންޓު ދެވޭ މިންވަރަށް ކޭބަލް އަޅައި، ރަށުގެ އިންޖީނުގެ ހުންނަ ތަން ބަދަލުކޮށް، ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ނޮޅިވަރަމަކީ ރައީސްގެ ހދ. ދަތުރުފުޅުގައި ވަޑައިގެންނެވި ހަ ވަނަ މަންޒިިލެވެ. އަދި އިއްޔެގެ ތިން ވަނަ މަންޒިލެވެ.