ހުޅުމާލޭ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން މިއަދު ކުރެވުނު މޭޖަރ މެއިންޓަނަންސް މަސައްކަތް ނިންމާލެވޭނެކަމަށް ލަފާކުރި ވަގުތަށްވުރެ 1:17 މިނިޓްކުރިން ނިންމާލައިފިއެވެ.
ކޮންމެހެން ކުރަންޖެހޭ މުހިންމު މޭޖަރ މަސައްކަތެއް ކުރުމަށް ހުޅުމާލެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައި، މެއިންޓަނަންސް މަސައްކަތް ފެށީ މިއަދު ހެނދުނު 6:00 ހާއިރުއެވެ.
އެމަސައްކަތް އަވަހަށް ނިންމާލެވުނުކަން ފާހަގަކުރަށްވައި، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހްމީ މިއަދު ވިދާޅުވީ، ހުޅުމާލޭ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން މިއަދު ކުރެވުނު މޭޖަރ މެއިންޓަނަންސް މަސައްކަތް މިއަދު ހެނދުނު 08:43 ގައި ވަނީ ކާމިޔާބުކަމާއިއެކު ނިންމާލެވިފައި ކަމަށެވެ.
މި މަސައްކަތް ނިމޭނެކަމަށް ކުރިން ލަފާކުރެވިފައިވާ 10:00 ހާއިރު ކަމަށާއި، ނަމަވެސް އެ ވަގުތުގެ މާކުރިން މި މަސައްކަތް ނިންމާލެވި، ހުރިހާ ކަސްޓަމަރުންނަށް އަލުން ކަރަންޓު ދެވިފައިވާކަން އެމްޑީ ވަނީ ފާހަގަކުރަށްވާފައެވެ. އަދި މިކަން މިގޮތަށް ހާސިލް ވެފައިވަނީ ސްޓެލްކޯގެ ޚިދުމަތްތެރި އިންޖީނިއަރުންނާއި ޓެކްނީޝަނުންގެ ޤާބިލްކަމާއި ހީވާގިކަމުން ކަމަށް ވެސް އެމްޑީ ފަހުމީ ވިދާޅުވިއެވެ.
''މީގެ އިތުރުން މަސައްކަތުގެ އަޚުލާޤާއި، އެ މަސައްކަތަށް އޮންނަ ލޯތްބާއި، ރައްޔިތުންނަށާއި ޤައުމަށް ޚިދުމަތްކުރުމުގެ މަތިވެރި ރޫޙު އެމުވައްޒަފުން ކިބައިގައި ހުރުމުން. އެހެންކަމުން މި މަސައްކަތުގައި ބައިވެރިވި މުޅި ޓީމަށް އައްސަރިބަހާއި ސާބަސް ދަންނަވަން.'' ފަހުމީ ވިދާޅުވެފަވެއެވެ.
ފަހުމީ ވަނީ މިފަދަ ކޮންމެ ދަނޑިވަޅެއްގައި ގްރޭޓަރ މާލެ ސަރަޙައްދުގެ ކަސްޓަމަރުންގެ ފަރާތުން ސްޓެލްކޯ އަށް ލިބެމުންދާ އެއްބާރުލުން ފާހަގަކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!