ބ. ދަރަވަންދޫ ސިއްޙީ މަރުކަޒުގައި ޑައިލިސިސް ޚިދުމަތް ފަށައިފިއެވެ.
މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހީމެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑައިލިސިސްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. މިގޮތުން މިހާރު މި ޚިދުމަތް ނުފެށި އޮތީ އދ. އަތޮޅާއި، ވ. އަތޮޅާއި، ފ. އަތޮޅުގެ އިތުރުން ދ. އަތޮޅުގައި އެކަންޏެވެ.
ޑައިލިސިސްގެ ޚިދުމަތަކީ ކިޑްނީގެ ބަލީގެ ފަރުވާ ހޯދަމުންދާ ފަރާތްތަކަށް އެންމެ މުހިންމު އެއް ޚިދުމަތެވެ. މި ޚިދުމަތް ހޯދާ ފަރާތްތަކުން ހަފްތާއަކު 2 ނުވަތަ 3 ދުވަހު، ދުވާލަކު 4 ގަޑިއިރު މެޝިނުގެ އެހީގައި ފަރުވާ ހޯދަން ޖެހެއެވެ.
ހެލްތް މިނިސްޓްރީން ބުނިގޮތުގައި އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ޑައިލިސިސްގެ ޚިދުމަތް ހޯދުމަށް މާލެއަށް ދަތުރުކުރަން ޖެހުމަކީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވެފައިވާތީ، މި އަހަރުގެ ތެރޭގައި އިތުރު ސަރަހައްދުތަކުގައި މި ޚިދުމަތް ފެށުމަށް ސަރުކާރުން ވަނީ ރާވާފައެވެ. މި ގޮތުން ޑައިލިސިސްގެ ފަރުވާ ބޭނުންވާ މީހުން ގިނަ ހިސާބުތައް ދެނެގަނެ، އެ ސަރަހައްދުތަކުގައި އިސްކަންދީގެން މި ޚިދުމަތް ގާއިމްކުރުމަށް ހަމަޖެހިއިވާކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ދަރަވަންދޫގައި މި ޚިދުމަތް ފެށުމާއެކު، އެ ރަށާއި ކައިރި ރަށްރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ޑައިލިސިސްގެ ޚިދުމަތް ލިބިގެންދާނެ ކަމަށް ސިއްޙީ ދާއިރާގެ މަސްއޫލުވެރިން ފާހަގަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!