ކޮންމެހެން ކުރަންޖެހޭ މުހިންމު މޭޖަރ މަސައްކަތެއް ކުރުމަށް ހުޅުމާލެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިފިއެވެ.
ކޮންމެހެން ކުރަންޖެހޭ މުހިންމު މޭޖަރ މަސައްކަތެއް ކުރުމަށް މި އިންޖީނުގޭ މިއަދު ނިއްވާލާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އިއްޔެ ވަނީ ބުނެފައެވެ. އަދި މި އިންޖީނުގެ ނިއްވާލާތީ މިއަދު ހެނދުނު މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ގާތްގަނޑަކަށް ގަޑިއެއްހާއިރަށް ކަރަންޓު ކެނޑޭނެ ކަމަށް ވެސް ބުނެފަވެއެވެ.
އެ ކުންފުނިން މިއަދު ހެނދުނު 6:05 ހާއިރު ބުނީ ހުޅުމާލޭގެ 50 މެގަވޮޓްގެ އިންޖީނުގޭގައި ކުރުމަށް ހަމަޖެހިފައިވާ މެޖަރ މަސައްކަތްތަކާ ގުޅިގެން އިންޖީނުގެ ނިއްވާލުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި މި މަސައްކަތާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ލޯޑަށް ބަލައި، ލޯޑް ޝެޑިންގ ނުވަތަ އެކި ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ މަސައްކަތްތައް ކުރަމުން ދާނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އެއަށްފަހު ހުޅުމާލެ އިންޖީނުގެ ނިއްވާލާފައިވާކަމަށް 6:21 ހާއިރު އެ ކުންފުނިން ވަނީ ބުނެފައެވެ.
‘’މިވަގުތު ހިނގަމުންދާ ހުޅުމާލޭ އިންޖީނުގޭގެ މޭޖަރ މަސައްކަތައް ހުޅުމާލެ 50 މެގަވޮޓް އިންޖީނުގެ މިހާރު ވަނީ ނިއްވާލާފައި. މިއާއެކު ލޯޑް ޝެޑިން ފަށައި، މާލޭގެ %11.8 އަދި ހުޅުމާލޭގެ %5.8 ކަސްޓަމަރުންނަށް ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި.’’ ސްޓެލްކޯ އިން ބުންޏެވެ.
މިވަގުތު ހިދުމަތް މެދުކެނޑިފައިވާ ކަސްޓަމަރުންނަށް ގަޑިއެއްހާއިރުތެރޭ އަލުން ކަރަންޓު ލިބޭނެކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި މަސައްކަތާ ގުޅިގެން ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!