އއ. މަތިވެރީގައި އެއަރޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތާއި އަދި އެރަށުގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ.
މި މަސައްކަތްތައް ފަށާފައިވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މަތިވެރީގެ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ސަރުކާރުން ވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން 1500 މީޓަރުގެ ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް އެޅުމާއި، ޓެކްސީވޭ، އޭޕްރަން، ފަސިންޖަރު ޓާމިނަލް އަދި ފަޔަރ ސްޓޭޝަނެއް ޤާއިމްކުރުން ހިމެނެއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ ދަށުން 26.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ބިމުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި އެހެނިހެން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެއެވެ. މި މަޝްރޫޢުގެ މަސައްކަތްތައް 2 އަހަރާއި 6 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ރޭވިފައެވެ.
މަތިވެރީގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމާއި، އެމްޓީސީސީގެ ސީއީއޯ އަޙްމަދު ސަޢުދީ ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫޢު 1.06 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 6 މަސްދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަޝްރޫޢުގެ ދަށުން ކުނި މެނޭޖުކުރާ މަރުކަޒު މަރާމާތުކުރުމާއި، ނުރައްކާތެރި ކުނި ރައްކާކުރާނެ ތަނަކާއި، ވެއަރހައުސްއެއް އެޅުމުގެ އިތުރުން ލޭންޑްސްކޭޕިންގ އަދި ބައުންޑަރީ ފެންސް މަރާމާތުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!