މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އުވާލައި، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" ގެ ނަމުގައި އައު ކޮމިޝަނެއް އުފެއްދުމަށް ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލު އަނބުރާ ގެންދިޔުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފިއެވެ.
ހަންނާން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި ވެސް ބްރޯޑްކޮމްއާއި މީޑިއާ ކައުންސިލް އެއްކޮށްލުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނަމުގައި ބިލެއް މަޖިލީހަށް ހުށަހަޅާފައެވެ. އެ ބިލު އަނބުރާ ގެންދިޔައީ ބިލާއިމެދު ނޫސްވެރިންގެ ބޮޑެތިކަންބޮޑުވުންތަކެއް ފާޅުކުރަމުން ދަނިކޮށެވެ.
ހަންނާނުގެ އައު ބިލާއި ގުޅިގެން އެމްޖޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ބިލަކީ އޭނާ ކުރިން ހުށަހެޅުއްވި ބިލެކޭ އެއްފަދައިން، ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަން އެކީހެން ގެއްލިގެންދާނެ ބިލެއް ކަމަށެވެ.
ހަންނާނުގެ އައު ބިލު ފަރުމާކޮށްފައި އޮތީ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކަށް ބޮޑެތި ބާރުތަކެއްދީ، މީޑިއާގެ ބާރު ސަރުކާރުގެ ބާރުގެ ދަށަށް ދާގޮތަށް ނޫސްވެރިކަން ބިރުވެރިކަމުގައި ބޭއްވުމުގެ ފަލްސަފާއެއްގެ މައްޗަށް ކަމަށް އެމްޖޭއިން ބުނެފަވެއެވެ.
އެމްޖޭއިން ވަނީ އެ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލައި، ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކިބައިން އެ ބިލަށް ވޯޓު ނުދިނުމަށް އެދިފައެވެ.
MJA strongly condemns the new Media and Broadcasting Regulation Bill. This bill poses a direct threat to press freedom and seeks to place the media under government control. We call for its immediate withdrawal. #HatharehgeHaggugai #CTRLbillBeyrukurey #CTRLehNukureveyne
Read our… pic.twitter.com/XIv9vKESYK— Maldives Journalists Association (@mjamaldives) August 19, 2025
ހަންނާނު ހުށަހެޅުއްވި ''މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު'' ގައިވާ ގޮތުން، އުފައްދަން ހުށަހަޅާފައިވާ ކޮމިޝަނުގައި 7 މެންބަރުން ހިމެނޭނެއެވެ. މީގެ ތެރެއިން 3 މެންބަރުން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު އައްޔަންކުރައްވާގޮތަށް ހުށަހަޅާފައިވާއިރު، އަނެއް 4 މެންބަރުންނަކީ މީޑިއާތަކުން އިންތިޚާބުކުރާ މެންބަރުންނެވެ. އަދި ކޮމިޝަނުގެ ރައީސް އައްޔަންކުރުމުގެ ބާރު ލިބިދެނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.
މި ބިލުގެ ދަށުން އައު ކޮމިޝަނަށް ލިބިދޭނެ ބާރުތަކުގެ ގޮތުގައި ސުލޫކީ މިންގަނޑާ ޚިލާފުވާ ނޫސްވެރިން 5،000 ރުފިޔާއިން ފެށިގެން 25،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމާއި، ގާނޫނާ ޚިލާފުވާ މީޑިއާތައް 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމުގެ ބާރު ހިމެނެއެވެ. މީގެ އިތުރުން، މައްސަލަތައް ބަލަމުންދާ ވަގުތުތަކުގައި ވަގުތީގޮތުން މީޑިއާތަކުގެ ރަޖިސްޓްރީ ބާޠިލުކުރުމާއި، ވެބްސައިޓްތައް ބްލޮކްކުރުމުގެ ބާރުވެސް ކޮމިޝަނަށް ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!