ނިއުޕޯޓްވިއު ރެސްޓޯރަންޓް ހިންގި ބިމުގެ ކުއްޔަށް ސްޓްރާޑާ ކުންފުނިން 1.1 މިލިއަން ރުފިޔާ ނުދައްކާ މައްސަލަ ދައުލަތުން އަނބުރާ ގެންގޮސްފި އެވެ.

ނިއުޕޯޓް ހިންގި ބިން ސްޓްރާޑާ ކުންފުންޏަށް ސަރުކާރުން ދިނީ 2016 ވަނަ އަހަރު އެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2019 ވަނަ އަހަރު އެ ބިމުގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރި އެވެ.

Ad
rt

ސިވިލް ކޯޓުން 2019 ވަނަ އަހަރު ވަނީ އެ ބިން ދައުލަތާ ހަވާލުކޮށް އަދި ކުލީގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފަ އެވެ. ނަމަވެސް އެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާތީ ކޯޓުން ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ފަށާފައިވެ އެވެ.

ދައުލަތުން މިދިޔަ ހަފުތާގައި ވަނީ އެ މައްސަލަ އިތުރަށް މުރާޖާކުރަމުންދާ ކަމަށް ބުނެ އެ މައްސަލަ ބާތިލްކޮށްދޭން އެދިފަ އެވެ. އެހެންކަމުން ކޯޓުން އިއްޔެ ވަނީ އެ މައްސަލާގެ ދައުވާ ފޯމް ބާތިލްކޮށްފަ އެވެ.

އެ ބިން ހަވާލުކުރުމަށާއި 1.1 މިލިއަން ދައްކަން އެންގި މައްސަލަ ސްޓްރާޑާއިން އިސްތިއުނާފްކުރި ނަމަވެސް ހައި ކޯޓާއި ސުޕްރީމް ކޯޓުން އޮތީ އެ ހުކުމް ދަމަހައްޓައިފަ އެވެ.