ރާއްޖެއަކީ ފެޑެރަލް ދައުލަތެއް ނޫންކަމަށާއި، ލާމަރުކަޒީ ގާނޫނު އޮންނަންވާނީ ޔުނިޓަރީ ދައުލަތެއްގެ ހުދޫދުގެ ތެރޭގައިކަމަށް ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތް (ނ.މ.ޝ.ޢ)ގެ ވެރިޔާ އަދި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަޒުކަޒީ އުޞޫލުން ހިނގުމުގެ ޤާނޫނަށް ގެނެވުނު 16 ވަނަ އިސްލާޙް އާއި ގުޅޭގޮތުން ''އަޅުގަނޑަށް ފެންނަ ދެތިންވާހަކައެއް'' ނަމުގައި ނެރުއްވި ބަޔާނެއްގައި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް ވިދާޅުވީ، ލާމަރުކަޒީ ޤާނޫނަށް ގެނެވުނު މި އިސްލާޙުތަކަކީ ވަރަށް މުހިންމު އިސްލާޙުތަކެއް ކަމަށެވެ.

Ad
rt

ޤާސިމް ފާހަގަކުރެއްވި ގޮތުގައި ލާމަރުކަޒީ ޤާނޫނަށް ޢަމަލުކުރަމުން އަންނަތާ 14 އަހަރުވެފައިވާއިރު، އެ ޤާނޫނާ އެކު ފެޑަރަލް ވިސްނުން ބައެއް ފަރާތްތަކުން ގެންގުޅޭ ކަމަށާއި، ޢާންމުކޮށް ސަރުކާރާއި އިދިކޮޅަށް އޮންނަ ޕާޓީތަކުން ވެސް އެފަދަ ވާހަކަތައް ޕްރޮމޯޓްކުރާ ކަމަށެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިފަދައިން މި އިސްލާޙުތަކަކީ އެ ނިޒާމު ހަރުދަނާކުރުމަށް ޗެމްޕިއަން ކުރުމަށް ގެންނަންޖެހޭ އިސްލާޙުތަކެއް ކަމަށް ޤާސިމް ވިދާޅުވިއެވެ.

ކުރިއަށް އޮންނަ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ރަށްރަށުގެ ބިންތައް ދޫކޮށް، ގިނަ ޢަދަދަކަށް މުވައްޒަފުން ނަގާނެ ފުރުޞަތު އޮވެގެން ނުވާނެކަމަށާއި، އަދި ނާޖާއިޒު ފައިދާއެއް ނެގުން ކަމަށާއި، އަންނަ ދައުރަށް ހޮވުމުގެ ބޭނުމުގައި ސަރުކާރުގެ މާލިއްޔަތު ތަން ނުދޭ މިންވަރަށް އިތުރު މަޤާމުތައް އުފެއްދުމުގެ ބާރު ޤާނޫނަކުން ކައުންސިލަރުންނަށް ދީފައި އޮވެގެން ނުވާނެ ކަމަށް ޤާސިމް ވިދާޅުވެފަވެއެވެ.

ޤާސިމް ވިދާޅުވެފައި ވަނީ އެ އިސްލާޙްތަކުގެ ސަބަބުން ފައިދާވާނީ ސަރުކާރަށް ނޫން ކަމަށާއި، އެއީ ރައްޔިތުންނަށް ލިބޭ ފައިދާއެއް ކަމަށެވެ. އަދި ރަށެއްގެ ތަރައްޤީގެ ޕްލޭނަކީ ރައްޔިތުންގެ ޚިޔާލާ އެކު ފާސްކޮށްފައިވާ އެއްޗެއް ކަމަށާއި، އޭގައި ނުހިމެނޭ ކަންކަން އިންތިޚާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ކުއްލިއަކަށް ފެށުމުގެ އިޚްތިޔާރު އޮވެގެން ނުވާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ޤައުމަށް ނުހަނު ގެއްލުން ލިބެމުންދާކަން ވެސް ޤާސިމް ފާހަގަކުރެއްވިއެވެ.

"މިސާލަކަށް މިހާރު އޮތް ކައުންސިލްތަކުގެ ދައުރު އަންނަ 2026 މޭ މަހަށް ހަމަވާތީ ދައުރުގެ ބާކީ މިހާރު އޮތީ ގާތްގަނޑަކަށް 10 މަސް ކަމުގައި ވާތީ ކައުންސިލްތަކުގެ އިޚްލާސްތެރިވާން ޖެހޭނީ ޤާނޫނުއަސާސީގައި ބުނާ ޔުނިޓަރީ ދައުލަތުގެ ވިސްނުމަށް. މި އިސްލާޙުގެ ސަބަބުން އަސްލުގައި ފައިދާ ވާނީ ރައްޔިތުންނަށް، ސަރުކާރަކަށް ނޫން، ރަށެއްގެ ތަރައްޤީ ޕްލޭނަކީ ރައްޔިތުންގެ ޚިޔާލާއެކު ފާސްކޮށްފައިވާ އެއްޗަކަށްވާއިރު، އޭގައި ނުހިމެނޭކަންކަން އިންތިޚާބާއި ދިމާކޮށް ސިޔާސީ ބޭނުމަށް ކުއްލިޔަކަށް ފެށުމުގެ އިޚްތިޔާރު ވެސް އޮވެގެންނުވާނެ، މިފަދަ ކަންކަމުގެ ސަބަބުން ޤައުމަށް ނުހަނު ގެއްލުން ލިބިގެންދާނެކަމީ ވެސް ޙަޤީޤަތެއް" ޤާސިމް ވިދާޅުވެފައެވެ.

އެ އިސްލާޙުގައި 70 ވަނަ މާއްދާގެ ބ ގެ ފަހަތަށް ދެ އަކުރެއް އިތުރުކޮށް، ޅ. ގެ ގޮތުގައި ފާސްކޮށްފައިވާ މާއްދާގައި ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކަށް ތިން ޝަރުތެއް ކަނޑައަޅާފައިވާތީ އެކަމަށް އިޝާރާތް ކުރައްވަމުން ޤާސިމް ވިދާޅުވީ، އެފަދަ މަސައްކަތްތަކަކީ ލޯކަލް އޮތޯރިޓީ ކުންފުނި ނިސްބަތްވާ ރަށުގައި ނުވަތަ ރަށްތަކުގައި އަމިއްލަ ފަރާތަކުން ކުރަމުންދާ އިޤްތިޞާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކަމުގައި ވެގެން ނުވާނެ ކަމަށް ބަޔާންކުރުމުން އޭގެ ފައިދާވާނީ ވެސް ރައްޔިތުންނަށް ކަމަށެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރެއްވީ 14 އޯގަސްޓް 2025 ގައެވެ.

ރައީސް މިދިޔަ ހަފުތާގައި ބ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އޯގަސްޓް 13 ވަނަ ދުވަހުގެ ރޭ ދަރަވަންދޫގައި ދެއްކެވިވާހަކަފުޅުގައި ރައީސް ލާމަރުކަޒީ ނިޒާމަށް ގެންނަން އުޅޭ އިސްލާހުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ކައުންސިލްތައް ހިންގަންޖެހޭނީ ރައްޔިތުންނަށް ފައިދާވާ އަދި ރައްޔިތުން ބާރުވެރިކުރެވޭނެ ގޮތަށް ކަމަށް ފާހަގަކުރަށްވަމުން، ސަރުކާރުން ހުށަހަޅުއްވައިގެން ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ އިޞްލާޙުތަކުގައިވެސް ހިމެނިފައިވަނީ މި އަސާސްތައް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައީސް ވިދާޅުވީ، މަސައްކަތްޕުޅުކުރައްވަމުން ގެންދަވަނީ ޒިންމާދާރުކަމާއެކު، ދެފުށްފެންނަ، ޕްރޮފެޝަނަލް، ގުޑްގަވަނަންސްގެ ނިޒާމެއްގެ ގޮތުގައި ލާމަރުކަޒީ ނިޒާމް ހަރުދަނާކުރެއްވުމަށް ކަމަށާއި، އެމަނިކުފާނުގެ ސަރުކާރުން އިސްކުރައްވާނީ އަބަދުވެސް ރައްޔިތުންކަމުގައެވެ.

މި އިސްލާޙްތަކާއި މެދު ކަންބޮޑުވެ ގިނަ ކައުންސިލްތަކަކުން ބަޔާންނެރެފައިވާކަން ފާހަގަކޮށްލެވެއެވެ.