ރާ ބޮއެގެން ހުރެ, މީހުންނަށް ސައިކަލުން ދުއްވަން ދަސްކޮށްދޭން އުޅުނު މީހެއްގެ ގައިގައި 40 އެތިފަހަރުން ހައްދު ޖަހައި, 7,200ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މިދިޔަ މާޗް މަހު ހުޅުމާލެއިން ދިވެހި ފިރިހެނަކު ހުއްޓުވީ އެލް ބޯޑު ނުޖަހައި ސައިކަލު ދުއްވަން ދަސްކޮށްދޭން ހުއްޓަ އެވެ. އަދި އޭނާ ހުއްޓުވިއިރު ބަނގުރާ ބޮއެގެން ހުރި ކަމަށް ޝައްކުވެގެން ފާސް ކުރިއިރު ޖީބުން ބަނގުރާ ހުރި ފުޅިއެއް ފެނުނެވެ. އަދި ހައްޔަރު ކުރުމުން ބަނގުރާ ބުއި ކަމަށް އެއްބަސްވި އެވެ.

Ad
rt

އެ މައްސަލާގައި އޭނާގެ މައްޗަށް ދެ ދައުވާއެއް ދައުލަތުން ކުރި އެވެ. އެއީ ބަނގުރާ ބުއިމުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އެވެ.

އެ މީހާ ކޯޓުގައި ކުށަށް އެއްބަސްވެ, ދައުލަތާއެކު އިއުތިރާފްގެ އެއްބަސްވުމެއް ހެދުމުން ޖަލު އަދަބު ޖޫރިމަނާއަކަށް ބަދަލުކުރަން ދައުލަތުން އެދުނެވެ.

އެހެންކަމުން މިދިޔަ ހޯމަ ދުވަހު ހުކުމްކުރީ ބަނގުރާ ބުއިމުގެ ކުށުގައި އޭނާގެ ގައިގައި 40 އެތިފަހަރުން ހައްދު ޖެހުމާއެކު 3,600 ރުފިޔާއިން ޖޫރިމަނާކޮށް, އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގައި އިތުރު 3,600 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. އަދި އެ ފައިސާ އެއް މަސް ތެރޭގައި ދައުލަތަށް ދެއްކުމަށް އެންގި އެވެ.