ބ. ހިތާދޫގައި 15 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހޯމަ ދުވަހު ބ. އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ނުވަ ވަނަ މަޒްޒިލްގެ ގޮތުގައި މިއަދު ވަނީ ހިތާދޫ އަށް ވަޑައިގެންފައެވެ.

Ad
rt

ހިތާދޫގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ ރައީސްގެ މި ޒިޔާރަތުގެ ތެރެއިން، ރައީސް މުޢިއްޒު ހިތާދޫ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާވެށި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީއެވެ.

މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި 15 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން، ހިއްކާ ބިމުގެ ވަށައިގެން 691 މީޓަރުގެ ރިވެޓްމަންޓް އެޅުމާއި، 25 މީޓަރުގެ 6 ފައިކަށި ލުން ހިމެނެއެވެ.

މި މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 137 މިލިއަން ރުފިޔާއަށް، 450 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މި މަޝްރޫޢަކީ ބ. ހިތާދޫގެ ރައްޔިތުންނަށް ވަރަށް މުހިންމު، ރަށުގެ ބިމުގެ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ މަޝްރޫޢުއެކެވެ.