ބ. ގޮއިދޫގައި އަލަށް ޤާއިމްކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައި، އެރަށުގައި އަޅާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ވެސް މިއަދު ފަށައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހޯމަ ދުވަހު ބ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހަ ވަނަ މަންޒިލުގެ ގޮތުގައި މިއަދު ގޮއިދޫއަށް ވަޑައިގެން، އެރަށުގައި އަލަށް ޤާއިމްކުރި އޭޓީއެމްގެ ޚިދުމަތް ވަނީ ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. މިގޮތުން އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވައި، ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާ ހަވާލުކުރައްވާފައެވެ.
ގޮއިދޫގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމުން 24 ގަޑިއިރު ތެރޭގައި ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެއެވެ. އަދި ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތްވެސް މި އޭޓީއެމް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.
މީގެއިތުރުން ގޮއިދޫގައި ޤާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ވަނީ ބައިވެރިވެ ވަޑައިގެންނެވިއެވެ. މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާހާއި ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޝަހީދު އެވެ.
ގޮއިދޫގައި ތަރައްޤީކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާ ކަމަށްވުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!