ބ. ތުޅާދޫ އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް 570.2 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

އިމާރާތްކުރުމާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ވުޒާރާގެ ފަރާތުން ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދާއި އެމްޓީސީސީގެ ފަރާތުން ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޖަމްޝީދެވެ.

Ad
rt

މި މަޝްރޫޢުގެ ދަށުން ތުޅާދޫގައި ތަރައްޤީކުރާ އެއަރޕޯޓަކީ 1800 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއެކު ކޯޑް 3C އަށް ތަރައްޤީކުރާ އެއަރޕޯޓެކެވެ.

މި މަސައްކަތުގެ ތެރޭގައި 55.4 ހެކްޓަރުގެ ބިން ހިއްކުމާއި، 2804 މީޓަރުގެ ރޮކް ރިވެޓްމެންޓް އަދި 1677 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، ކުރިން މި މަސައްކަތް ހަވާލުކޮށްފައިވާ ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން ކުންފުންޏާއެކު 2023 ވަނަ އަހަރު ވެފައިވާ އެއްބަސްވުން ބާޠިލްކުރުމަށްފަހުގައެވެ. ކުރީގެ އެއްބަސްވުމުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވީ 44.70 ހެކްޓަރުގެ ބިމެކެވެ.

މި މަސައްކަތް ނިންމުމަށް ދީފައި ވަނީ 660 ދުވަހުގެ މުއްދަތެކެވެ.