ކުޅުދުއްފުށި ސިޓީންނާއި ނ. ކެނދިކުޅުދޫގައި ހެދިފައިވާ ބަރުގަހުގެ އޮށްތަކެއް ނަގައި، ފުރަތަމަ ފަހަރަށް ޖައްވަށް ފޮނުވާލައިފިއެވެ.
އެގޮތުން މި ދެ ރަށުގެ ބަރުގަސް އޮށްތައް ޖައްވަށް ފޮނުވާލާފައިވާއިރު، ނާސާގެ ސްޕޭސް އެކްސް ކްރޫ-11 މިއަދުގެ ވަގުތެއްގައި އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގައި ޖައްސާނެކަމަށް މައުލޫމާތު ލިބެއެވެ.
މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އެމްއެސްއާރުއޯ) އިން ބުނި ގޮތުގައި، ޖައްވަށް ފޮނުވާލުމަށްޓަކައި މި ބަރުގަސް އޮށްތައް ނަގާފައިވަނީ ކުޅުދުއްފުށްޓާއި ކެނދިކުޅުދޫގެ ކުޅިތަކުންނެވެ. އަދި މި އޮށްތައް ނާސާ އާއި ހަވާލުކޮށްފައިވެސް ވަނީ އެމްއެސްއާރުއޯއިންނެވެ.
ރާއްޖެ ހިމެނޭހެން މި ދިރާސާގައި ބައިވެރިވި ޖައްވަށް އޮށްތަކެއް ފޮނުވާލި 11 ގައުމުގެ ތެރޭގައި ގުއަޓެމާލާ، ކޮސްޓަ ރިކާ، ބްރެޒިލް، ނައިޖީރިއާ، އަރުމީނިއާ، މިސްރުގެ އިތުރުން އިންޑިއާ، އާއި ޕާކިސްތާން ހިމެނެއެވެ.
މީގެ އިތުރުން، އޮށްތައް ޖައްވަށް ފޮނުވާލާފައިވަނީ ޖައްވުގައި އޮށްތައް ހެދި ބޮޑުވުމަށް އަސަރުކުރާ މިންވަރު ދެނެގަތުމަށް ކަމަށާއި، އެގޮތުން ގްރެވިޓީ ދަށްވުމުން އޮށްތައް ފަޅައި ގަސްގަހާގެހި އުފެދުމަށް ކުރާ އަސަރު މި ދިރާސާގައި ދެނެގަނެވޭނެ ކަމަށާއި، ދުނިޔޭގައި ގަސްތައް ހެދި ބޮޑުވުމަށް މި ދިރާސާ މުހިންމުކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.
މިގޮތުން މި އޮށްތައް އަނބުރާ ދުނިޔެއަށް ގެނައުމުން، ޖައްވަށް ގެންދިއުމުގެ ސަބަބުން އޮށްތަކަށް ކުރި އަސަރު ދެނެގަތުމަށްޓަކައި ތަހުލީލުތައް ކުރާނެ ކަމަށް ވެސް އެމްއެސްއާރުއޯއިން ހާމަކޮށްފައިވެއެވެ.
އެމްއެސްއާރުއޯ އަކީ 2022 ވަނަ އަހަރު ރާއްޖޭގައި އުފެދުނު އެންޖީއޯއެކެވެ. އެ ޖަމިއްޔާގެ އަމާޒަކީ ޖައްވީ ދާއިރާއެއް ރާއްޖޭގައި އުފެއްދުމަށާއި، ސައިންސް އާއި ސްޕޭސް ދާއިރާއަށް ދިވެހިން ހޭލުންތެރިކަން އިތުރުކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!