ހއ. ހޯރަފުށީ ކައުންސިލުން، އެ ރަށަށް ނިސްބަތްވާ ފަޚްރުވެރި ދެ ފަންނުވެރިންކަމަށްވާ މަރުޙޫމް މަޑުލު މުޙައްމަދު ވަހީދާއި އާދަމް ސަލީމް (ހޯރަފުށީ ސަލީމް)ގެ ހަނދާނުގައި އަދަބީ ދެ މުބާރާތެއް ބާއްވަންނިންމާފައިވާކަން ޢިއުލާންކޮށްފިއެވެ.

އެ ދެ މުބާރާތަކީ މަރްޙޫމް މަޑުލު މުޙައްމަދު ވަޙީދުގެ ހަނދާނީ ކުރުވާހަކަ ލިޔުމުގެ މުބާރާތާއި، މަސްހޫރު ޝާޢިރު އާދަމް ސަލީމްގެ ހަނދާނީ ޅެން ހެދުމުގެ މުބާރާތެވެ.

Ad
rt

މިކަން ޢިއުލާންކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ އެރަށުގައި ބޭއްވި އަލްމަރުޙޫމު މަޑުލު މުޙައްމަދު ވަޙީދުގެ ތައުބީނުގެ ޖަލްސާގައި ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ވަހީދު ވަނީ، ދިވެހި ތާރީޚްގައި ހޯރަފުއްޓަކީ އެހާ އާދައިގެ ރަށެއްނޫން ކަމަށް ވިދާޅުވެފައެވެ.

''ޚާއްޞަކޮށް އަދަބިއްޔާތާއި ހުނަރުވެރިކަމުގެ ރޮނގުން، އެއިރު އަރައިގެން އައި އަލިކަން ހުޅުދާންކުރީ އަދީބުންނާއި ޝާއިރުންގެ ޒަމާނަކަށް، ފެންނަމުން ދިޔައީ މަސައްކަތްތެރީންނާއި ހުނަރުވެރިންގެ ދުވަސްވަރެއް، ޝައްކެތްނެތް މިއީ ފަހުގެ ތާރީޚެއްގައި އުފެދުނު ކުޅުދާނަ އެއް ލިޔުންތެރިޔާ މަރްޙޫމް މުޙައްމަދު ވަހީދު އުފަންވި ޝަރަފްވެރި ފަސްގަނޑު، މިއީ ކުޅަދާނަ އަދީބު، މަޝްޙޫރު ޝާއިރު މަރްޙޫމް އާދަމް ސަލީމް އުފަންވި ފަޚުރުވެރި ފަސްގަނޑު، މިއީ ދިވެހިބަހުން އެންމެ ފުރަތަމަ ޅެމެއްހެއްދެވި މަޝްހޫރު ޅެންވެރިޔާ ހުތް އަލިދީދީ ފަސްދާނު ލެވުނު ފަސްގަނޑުވެސްމެ، މިއީ ތާރީޚްތަކުން ދޭ ސާބިތުހެކި'' ވަހީދު ވިދާޅުވެފަވެއެވެ.

ހޯރަފުށީ ކައުންސިލް ކައުންސިލުން މަރްޙޫމް މަޑުލު މުޙައްމަދު ވަޙީދުގެ ހަނދާނީ ކުރުވާހަކަ ލިޔުމުގެ މުބާރާތާއި، މަސްހޫރު ޝާޢިރު އާދަމް ސަލީމްގެ ހަނދާނީ ޅެން ހެދުމުގެ މުބާރާތް 2026 ވަނަ އަހަރު ޢިއުލާންކޮށް ބޭއްވުމަށް މިހާރު ވަނީ އަމާޒު ހިފާފައިކަމަށް ވަހީދުގެ ވާހަކާގައި ވަނީ ވިދާޅުވެފައެވެ.

މިފަދަ އަދަބީ މުބާރާތްތަކުގެ ސަބަބުން ޅެންވެރިންނާއި ލިޔުންތެރިން އުފެދިގެންދާނެކަމަށާއި، ހޯރަފުށީ ފަދަ އަދަބީ ޢިލްމީ ރަށަކުން މިފަދަ ޅެންވެރީންނާއި ލިޔުންތެރީން އުފެދެންޖެހޭކަމީ މާޒީ ދެއްކި ސާފުހެކިކަމަށް ވަހީދު ވިދާޅުވިއެވެ. އަދި އުއްމީދަކީ މިފަށާ މަސައްކަތުން ދަރިވަރުންގެ ޝައުގު އުފެދު މަދަދުވެރިންގެ އެއްބާރުލުން ލިބި، މިފަންނުތަކުން ގިނަ ދަރިވަރުންތަކެއް ހޯރަފުށީގެ ފަސްގަނޑުން އުފެދި އާލާވެގެންދިޔުން ކަމަށް ވެސް ވިދާޅުވިއެވެ.

ވަހީދު ފާހަގަކުރެއްވި ގޮތުގައި ޤައުމެއް ދެމިއޮތުމުގައި ޤައުމީ ބަހެއްގެ ފައިދާތައް ދަރިވަރުންގެ ސިކުނޑީގެ އެންމެ ފުނަށް ވާސިލްވާނޭގޮތަށް ވިސްނައިދީ ހޭލުންތެރިކުރުމަކީ މިއަދު ކުރަންޖެހިފައިވާ ޤައުމީ މަސައްކަތެކެވެ. އެހެންނޫނީ ދިވެހި ޤައުމިއްޔަތާއި ދިވެހި ބަސް އަޅުގަނޑުމެންނަށް ގެއްލިގެން ހިނގައިދާނެކަމަށް ވަހީދު ވަނީ ވިދާޅުވެފައެވެ.