އައިލެންޑް އޭވިއޭޝަނަށް އެމްޑީޕީން ދޭންޖެހޭ ދަތުރުތަކުގެ ފައިސާ ބަހާލައިގެން ނުދެއްކޭތީ ބާކީ ހުރި 3.6 މިލިއަން ރުފިޔާ އެއް މަސް ތެރޭގައި ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓްތަކުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެމްޑީޕީން ކުރި ކެމްޕެއިން ދަތުރުތަކަށް ދޭންޖެހޭ 5.6 މިލިއަން ރުފިޔާ ބަހާލައިގެން ދައްކަމުން ގޮސް 2027 ވަނަ އަހަރުގެ ކުރިން ދައްކާ ނިންމާ އެއްބަސްވުމެއް ހެދި ނަމަވެސް މި އަހަރު ދައްކަންޖެހޭ ފައިސާ ދައްކާފައެއް ނުވެއެވެ.

Ad
rt

އޭގެ ތެރެއިން ދެ މިލިއަން ރުފިޔާ ދެއްކި ނަމަވެސް ބާކީ 3.6 މިލިއަން ރުފިޔާ ނުދެއްކެނީ އެ ޕާޓީއަށް ދައުލަތުން ދޭންޖެހޭ ފައިސާ ލިބުން ލަސްވުމުގެ ސަބަބުން ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން އައިލެންޑް އޭވިއޭޝަނުން ދައުވާ ކުރުމުން ސިވިލް ކޯޓުން އިއްޔެ ވަނީ ސެޓްލްމަންޓް އެއްބަސްވުން ބާތިލްކޮށް، ބާކީ ހުރި 3.6 މިލިއަން ރުފިޔާ އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި ކޯޓަށް ދައްކަން ހުކުމްކޮށްފަ އެވެ.

އެމްޑީޕީން އައިލެންޑް އޭވިއޭޝަނާ ކުރިން އެކު ސެޓްލްމަންޓް އެއްބަސްވުމެއް ކުރިން ހެދީ ވެސް އެ ފައިސާ ނުދީގެން އެ މައްސަލަ ކޯޓަށް ހުށަހެޅުމުންނެވެ.