ނޮޅިވަރަންފަރުގައި ހާއްސައެހީއަށް ބޭނުންވާ އަންހެނަކަށް، ދުވަސްވީ މީހަކު ޖިންސީ ގޯނާކުރި މައްސަލައެއް
ހދ. ނޮޅިވަރަންފަރުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ނަފްސާނީ ބައްޔަށް ބޭސްކުރަމުން އަންނަ އަންހެނަކާމެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގާ ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތި ވެއްޖެ އެވެ.
މިކަމާއި ގުޅިގެން "ތިލަދުން" އަށް މަޢުލޫމާތު ދެމުން ފުލުހުން ބުނީ، ހދ. ނޮޅިވަރަންފަރުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ 40 އަހަރުގެ އަންހެނަކާމެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް 23 ޖުލައި 2025 ވަނަ ދުވަހު އެ އިދާރާއަށް ހުށައަޅާފައިވާ ކަމަށެވެ.
އެމީހާ އަށް ގަދަކަމުން ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވެނީ އެރަށުގެ 65 އަހަރުގެ ދުވަސްވީ އުމުރުގެ ފިރިހެނެއްގެ މައްޗަށެވެ.
އެރަށުން ވާހަކަ ދެއްކި މީހަކު "ތިލަދުން" އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، މި ހާދިސާ ހިނގާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، އެރަށުގެ ކުނިގޮނޑަށް ކުނި އުކާލަން އެ އަންހެންމީހާ ދިޔަ ވަގުތު، ގަދަކަމުން ވަލުތެރެއަށް ވައްދައިގެންކަމަށެވެ.
މި މައްސަލައާ ގުޅިގެން އެރަށުން ވާހަކަ ދެއްކި މީހާ ބުނެފައިވަނީ، މިފަދަ ޢަމަލުތައް މީގެ ކުރިންވެސް އެ މީހާގެ ފަރާތުން ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ކަމަށާއި، މިކަން ކުރިންވެސް ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ. ނަމަވެސް، ތުހުމަތުކުރެވޭ މީހާ ހައްޔަރު ނުކުރާކަމަށް ފުލުހުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!