ލ. މާވަށުގައި އިއްޔެ ހިނގި މާރާމާރީއެއްގައި އެ ރަށު ނަލަހިޔާ، މޫސާ އިބްރާހިމް (29) އަށް ވަޅިން ހަމަލާދީ މަރާލި ކަމަށް ކޯޓުގައި އިއުތިރާފުވުމާ ގުޅިގެން، މި މައްސަލައިގައި ތުހުމަތުކުރެވޭ ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުޙައްމަދު އިބްރާހީމް (29) ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
މި ހާދިސާ ހިނގީ އިއްޔެ ހެނދުނު 10:10 ހާއިރުއެވެ. މޫސަގެ ކަރަށް ވަޅިން ހަމަލާ ދިނުމަށްފަހު މުޙައްމަދު ފުލުހުންގެ ބެލުމުގެ ދަށަށް ދިޔައީ އަމިއްލައަށެވެ. އަދި އޭނާ މޫސަ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ވަޅި މޫދަށް އެއްލާލި ސަރަހައްދު ވެސް ފަހުން އޭނާ ވަނީ ފުލުހުންނަށް ދައްކައިފައެވެ.
މި ހާދިސާގައި މަރުވި މޫސަ އާއި ވަޅިހެރި ކަމަށް ތުހުމަތުކުރެވޭ މުހައްމަދު އަކީ ވެސް މަސްތުވާތަކެތީގެ ކުށްކުރާ ކަމަށް ތުހުމަތުކުރެވޭ ދެ ޒުވާނުންނެވެ. މޫސައަކީ މަސްތުވާތަކެތި ވިއްކާ އެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ ކަމަށް ތުހުމަތުކުރެވޭ މީހެއް ކަމަށާއި، މުހައްމަދަކީ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މީހެއް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.
މި ދެ މީހުންގެ މެދުގައި ހިނގި މާރާމާރީއަކީ މޫސަ އަތުން މުހައްމަދު ގަތް މަސްތުވާތަކެއްޗަށް ފައިސާ ނުދެއްކުމާ ގުޅިގެން މީގެ ދެތިން ދުވަސް ކުރިން ފެށިގެން ހިނގަމުން އައި މައްސަލައެއް ކަމަށް ރަށުގެ ރައްޔިތުން މައުލޫމާތު ދީފައިވެއެވެ. އިއްޔެ މަގުމަތިން މުހައްމަދު ހިފަހައްޓައި މާރާމާރީ ހިންގަމުން ދަނިކޮށް މުހައްމަދު އަތުގައި އޮތް ވަޅިއެއް ނަގައި މޫސަގެ ކަރަށް ހަމަލާދިން ކަމަށް ބުނެއެވެ.
މޫސަގެ ހަށިގަނޑު އިތުރު ތަހުލީލުތައް ހެދުމަށްޓަކައި ރޭގަވަނީ މާލެ ގެނެސްފައެވެ. އަދި މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!