ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޕެސެންޖަރ ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބޭއްވި ހަވާ އެރުވުމުގެ ހަރަކާތުން ދިވެހިރާއްޖެއިން ވަނީ ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފައެވެ.
އެންމެ ގިނަ ސަރަޙައްދުގައި އެއްފަހަރާ ސިންކްރޮނައިޒްޑް ހަވާ އެރުވުމުގެ މި ރެކޯޑު ހާސިލުކުރެވުނީ ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި މިއުޒިކާއެކު، އެއްފަހަރާ 19 ސަރަޙައްދެއްގައި ހަވާ އަރުވައިގެންނެވެ. މި ހަރަކާތް ކުރިއަށް ގެންދިޔައީ ހުޅުލެ، މާލެ އަދި ހުޅުމާލެ ސަރަޙައްދު ހިމެނޭ ގޮތަށެވެ.
މި ރެކޯޑްގެ ލިޔުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކޮށްދެއްވީ، ގިނިސް ވޯލްޑް ރެކޯޑްސްގެ އެޑްޖޫޑިކޭޓަރ އެމްބާލީ އިންކޯސީއެވެ. މި ލިޔުން ހަވާލުކުރެވުނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލްގެ ފުރަތަމަ އެއަރލައިންއަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ގިނިސް ވޯލްޑް ރެކޯޑްސްއިން މި ރެކޯޑް ހާސިލުކުރުމަށް އެންމެ މަދުވެގެން ކަނޑައަޅާފައިވަނީ 5 ތަނުގައި ސިންކްރޮނައިޒްޑް ހަވާ އެރުވުމެވެ. ނަމަވެސް ރާއްޖެއިން ރެކޯޑް ފޮތަށް އެރީ 9 ތަނެއްގައި އެއްފަހަރާ ހަވާ އެރުވުމުގެ ހަރަކާތް ބާއްވައިގެންނެވެ. މިއީ އެމްއޭސީއެލްއަށް ލިބުނު މުޅިން އައު ވޯލްޑް ރެކޯޑް ޓައިޓަލްއެކެވެ.
މި ރެކޯޑް ހާސިލުކުރުމަށް 32 މީހުން ބައިވެރިވެ، ރެކޯޑް ފޮތުގެ ގައިޑްލައިންތައް ފުރިހަމަވާކަން ކަށަވަރުކޮށްފައިވެއެވެ. ވީއައިއޭގެ މި ތާރީޚީ އިވެންޓްގައި ހަވައިގެ ކުޅިވަރުގެ އިތުރުން ތިއޭޓަރ ޕަރފޯމަންސް، ލައިޓް ޝޯވ އަދި ލައިވް ޑްރޯން ޝޯވ ފަދަ ކުލަގަދަ ހަރަކާތްތައް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!