ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލްގެ އޮޕަރޭޝަންތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

ވީއައިއޭގެ އާ ފަސިންޖަރު ޓާމިނަލުން ފުރަތަމަ މަރުހަބާ ކިޔާފައިވަނީ އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ރާއްޖެ އައި ގައުމީ އެއާލައިންގެ އެއާބަސް A330 މަރުކާގެ އެ މަތިންދާބޯޓުން އައި ފަސަންޖަރުންނަށެވެ. މި ބޯޓުގައި 112 ފަސިންޖަރުން ރާއްޖެ އައިސްފައިވެއެވެ.

Ad
rt

މި މަތިންދާބޯޓަށް މަރުހަބާ ކިއުމުގެ ގޮތުން މިއަދު ވަނީ އާ ޓާމިނަލުގައި ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި މަތިންދާބޯޓަށް ވޯޓާ ސެލިއުޓެއް އަރުވާފައިވާއިރު، ޓާމިނަލް ތެރޭގައި ފަސިންޖަރުންނަށް ހޫނުހަބާއެއް ކިޔާފަވެއެވެ.

މިގޮތުން ފަސިންޖަރުންނަށް އެމްއޭސީއެލް އިން މަރުހަބާ ކިޔާފައިވަނީ ދިވެހި ސަގާފަތުގެ ހުނަރުވެރި ބޮޑުބެރުގެ ހަރަކާތްތަކާއެކު ފިނިފެންމަލުންނެވެ.

އޭގެ އިތުރުން ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ފަރާތުން އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑަށް ހާއްސަ ފިލައެއް ވަނީ އަރުވައިފައެވެ. އެ ފިލާ އެ ކުންފުންޏަށް އެރުވީ ފައިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

ވީއައިއޭގެ އާ ފަސިންޖަރު ޓާމިނަލަށް އެއާލައިންތަކުގެ އުދުހުންތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ރާއްޖެ އާއި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފަހަރަކު އެއާލައިނަކަށްފަހު އެއާލައިނެކެވެ. އެގޮތުން މި އަހަރުގެ ފަތުރުވެރިކަމުގެ މޫސުން ފެށުމުގެ ކުރިން ހުރިހާ އެއާލައިނެއްގެ ހިދުމަތް އާ ފަސިންޖަރު ޓާމިނަލަށް ބަދަލުކުރާނެ ކަމަށް އެމްއޭސީއެލްއިން މައުލޫމާތު ދެއެވެ.