ހއ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "ތިލައުތުރު ރަންތާޖު ޤުރްއާން މުބާރާތް-2025" ހޯސްޓްކުރާނެ ރަށެއް ހޯދުމަށް ހުޅުވާލައިފިއެވެ.

މިއަހަރުގެ އޮކްޓޫބަރު 24 އާއި 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ އަތޮޅުގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އުފައްދައި، ދަމަހައްޓައި އަދި އާލާކުރުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ. މީގެ އިތުރުން އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި ދީނީ ރޫޙު އާލާކޮށް ދެމެހެއްޓުމަށް މި މުބާރާތުން މަގުފަހިވެގެންދާނެއެވެ.

Ad
rt

މުބާރާތް ހޯސްޓްކުރަން ޝައުޤުވެރިވާ ރަށްރަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން 31 ޖުލައި 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީ ވާންޖެހޭނެއެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 4 އޮގަސްޓު 2025 ވަނަ ދުވަހުގެ 13:00 ގައެވެ.

ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 14 އޮގަސްޓު 2025 ވަނަ ދުވަހުގެ 13:00 އެވެ. ޕްރޮޕޯސަލްތައް ހުށަހަޅަންވާނީ ކައުންސިލްގެ އީމެއިލް އެޑްރެސް info@halifatoll.gov.mv އަށް ނުވަތަ ކައުންސިލް އިދާރާއަށެވެ. މުބާރާތް ހޯސްޓްކުރާނެ ރަށެއް ކަނޑައަޅާނީ މާކްސް ދިނުމުގެ އުސޫލަށް ބަލައި، އިވެލުއޭޝަން ކޮމިޓީން ނިންމާ ގޮތެއްގެ މަތިންނެވެ.

ކައުންސިލުން ފާހަގަކުރި ގޮތުގައި ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައެއް ނުގަނެވޭނެއެވެ. މުބާރާތް ހޯސްޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް ކައުންސިލުން ދީފައިވާ ލިންކް މެދުވެރިކޮށް ކުރިއަށް ދިއުމަށް އެ ފަރާތުން އިރުޝާދު ދެއެވެ.