ހއ. އަތޮޅު ކައުންސިލާއި އުތީމު ކައުންސިލުން ގުޅިގެން މި އަހަރު އުތީމުގައި ބާއްވާ "ތިލައުތުރު ފުޓްސަލް މުބާރާތް 2025" ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލަމުން ހއ.އަތޮޅު ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މިއަހަރު ނޮވެމްބަރ 3 ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވެވޭނީ ހއ އަތޮޅުގެ ކޮންމެ ރަށަކުންވެސް އެ ރަށެއް ތަމްޘީލުކުރާ އެއް ޓީމަކަށް ކަމަށެވެ.

Ad
rt

އެގޮތުން މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، 21 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12 ގެ ކުރިން info@halifatoll.gov.mv އަށް މެއިލް ކުރުމަށް އެ އަތޮޅު ކައުންސިލުން އެދިފައިވެއެވެ.

މީގެ އިތުރުން ހއ. އަތޮޅު ކައުންސިލުން ވަނީ، ޓީމުގައި ހިމެނޭ ކުޅުންތެރިން އެ ރަށެއްގެ ކައުންސިލް އިދާރާއިން ވެރިފައި ކުރުމަށްފަހު، ކުޅުންތެރިންގެ ލިސްޓު 09 އޮކްޓޫބަރ 2025 ވާ ބުރާސްފަތި ދުވަހު މެންދުރު 12 ގެ ކުރިން އެ އަތޮޅު ކައުންސިލުން ހިއްސާކޮށްފައިވާ ފޯމެޓާއި އެއްގޮތަށް އީމެއިލްކުރުމަށް ނުވަތަ އެ އިދާރާއަށް ހުށަހެޅުމަށް އިލްތިމާސްކޮށްފައެވެ.

މި އަހަރު ނަޞްރުންގެ ދުވަހު ފަށާ މި މުބާރާތުގައި، ޗެމްޕިއަން ޓީމަށް 35،000 ރުފިޔާގެ ފައިސާގެ އިނާމަކާއި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.