ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން ބޭނުންކުރާނެ ލޯގޯއެއް ފަރުމާކުރުމަށް ސަރުކާރުން ހުޅުވާލި ފުރުސަތުގައި، އެންމެ ރަނގަޅު ކަމަށް ހޮވުނު ލޯގޯގެ ފަރުމާވެރިޔާ، ހދ. ނޭކުރެންދޫ، ވާރޭވިލާ ފަރުހާދު އިބްރާހީމަށް އިނާމު ހަވާލުކޮށްފި އެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައި އިއްޔެ ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، 30,000 ރުފިޔާގެ ފައިސާގެ އިނާމު ފަރުހާދާ ހަވާލުކޮށްދެއްވީ އެ ވުޒާރާގެ ވަޒީރު އާދަމް ނަސީރު އިބްރާހީމެވެ. އަދި މި ބައްދަލުވުމުގައި ވަޒީރު ވަނީ ފަރުހާދަށް މަރުހަބާ ވިދާޅުވެފައެވެ.

Ad
rt

މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ބޭނުންކުރާނެ ލޯގޯއެއް ފަރުމާކުރުމަށް ވުޒާރާއިން ހުޅުވާލީ 2025 ޖޫން 2 ވަނަ ދުވަހުއެވެ. މި ފުރުސަތުގައި ގިނަ އަދަދެއްގެ ފަރާތްތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށް، ލޯގޯތައް ހުށަހަޅާފައެވެ. ހުށަހެޅުނު ލޯގޯތަކުގެ ތެރެއިން އެންމެ ރަނގަޅު ލޯގޯ ހޮވާފައިވަނީ ވުޒާރާއިން އެކަމަށް ކަނޑައެޅި ޚާއްސަ ފަނޑިޔާރުންގެ ޕެނަލަކުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ގޮތުގައި، މި ލޯގޯ ބޭނުންކުރެވޭނީ މި އަހަރުގެ ޖުލައި 26 އިން ފެށިގެން 2026 ޖުލައި 25 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގައި ސަރުކާރުގެ އިދާރާތަކުން ފޮނުވާ ސިޓީތަކާއި ލިޔުންތަކުގައި މި ލޯގޯ ބޭނުންކުރެވޭނެއެވެ.