އެމްޑީޕީގެ އެއްވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލާ ބެހޭގޮތުން އެ ޕާޓީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތަކުގެ ސަބަބުން އެ ދަރިކަލުންގެ އަބުރު ގެއްލިފައިވާ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ފަސްޓްލޭޑީ ސާޖިދާ މުހައްމަދުގެ ފަރާތުން މަންދީ އާއި އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެގެ މައްޗަށް ދައުވާކުރީ މިދިޔަ މާޗް މަހު އެމްޑީޕީގެ މުޒާހަރާއެއްގައި މަންދީ ދެއްކި ވާހަކަތަކުގައި, ރާއްޖޭގައި ވޭޕް މަނާކުރަން ނިންމި ނިންމުން ރައީސްގެ ދަރިކަލަކާ ގުޅުވައިގެން ވާހަކަ ދެއްކުމުންނެވެ.
ފަސްޓްލޭޑީ ދައުވާ ކުރެއްވީ ރައީސްގެ ދަރިކަލެއްގެ އަބުރު ގެއްލިފައިވާތީ އެކަމަށް އާންމުކޮށް މައާފަށް އެދުމަށް އަމުރުކޮށް ދިނުމަށް އެދި އެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ މަންދީގެ އެ ވާހަކަތަކުގެ ސަބަބުން ރައީސްގެ ދަރިކަލެއްގެ އަބުރު ގެއްލިފައިވާކަން ސާބިތުވާތީ, ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ފަސްޓްލޭޑީއަށް ލިބިގެންވާ ކަމަށެވެ. ނަމަވެސް މައާފަށް އެދުމަށް މަންދީގެ މައްޗަށް އަމުރު ނުކުރެވޭނެ ކަމަށް ހުކުމުގައިވެ އެވެ.
މީގެ އިތުރުންއެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ފައްޔާޒާއި އެ ޕާޓީ ޒިންމާކުރުވަން އެދުނަސް, އެ ވާހަކަތަކުގެ ޒިންމާ އެމްޑީޕީ އާއި ފައްޔާޒަށް މަތިކުރެވޭނެ ހަމައެއް ނެތް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!