ހއ އަތޮޅު ކައުންސިލުން "މަސްވެރިންގެ ދުވަސް 2025" ކުލަގަދަ ގޮތެއްގައި އެ އަތޮޅުގައި ފާހަގަކުރުމަށް ނިންމައި، އެ ދުވަސް ފާހަގަކުރާނެ ރަށެއް ކަނޑައެޅުމަށްޓަކައި އަތޮޅުގެ ރަށު ކައުންސިލަތަކަށާއި ޖަމިއްޔާތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވަލައިފިއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހޯސްޓް ކުރުމުގެ ފުރުސަތު ހުޅުވާލަމުން ހއ އަތޮޅު ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ މަޤުސަދަކީ ހއ އަތޮޅުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް އިޖްތިމާޢީ ގުޅުން ބަދަހި ކުރުމަށްކަމަށެވެ.

Ad
rt

އެގޮތުން މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހޯސްޓްކުރަން ބޭނުންވާ ހއ އަތޮޅުގެ ރަށްރަށުން ޕްރޮޕޯސަލް ފުރިހަމަކުރުމަށްފަހު 27 އޮގަސްޓް 2025 ވާ ބުދަ ދުވަހުގެ މެންދުރު 12 ގެ ކުރިން އަތޮޅު ކައުންސިލުގެ ރަސްމީ އީމެއިލްއަށް ނުވަތަ އަތޮޅު ކައުންސިލް އިދާރާއަށް ހުށަހެޅުމަށް އިލްތިމާސްކޮށްފައިވެއެވެ.

އަތޮޅު ކައުންސިލުން އިތުރަށް ބުނެފައިވަނީ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރަށެއް ކަނޑައަޅާނީ މާކްސް ލިބޭ އުސޫލަށް ބަލައި އިވެލުއޭޝަން ކޮމިޓީން ނިންމާ ގޮތެއްގެ މަތިންކަމަށެވެ.

ހޯސްޓްކުރުމުގެ ފުރުސަތު ލިބޭ ފަރާތަކަށް 30،000 ރުފިޔާގެ ފައިސާގެ އެހީތެރިކަން އަތޮޅު ކައުންސިލުގެ ފަރާތުން ހޯސްޓް ކުރުމަށް ކަނޑއަޅާ ރަށެއްގެ ކައުންސިލްކަށް ނުވަތަ ޖަމިއްޔާއަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހއ. އަތޮޅަކީ މަސްވެރިކަމުގައި ވަރަށް ފާހަގަކޮށްލެވޭ ތާރީޚެއް އޮތް އަތޮޅެކެވެ.