ޞިއްޙީ ދާއިރާއަށް 47 އަހަރަށް ވުރެ ދިގު މުއްދަތަކު ޚިދުމަތް ކުރެއްވި، އެތައް ބަޔަކަށް ބޭސްފަރުވާ ކޮށްދެއްވި ޚިދުމަތްތެރިޔާ، ޢަބްދުލްކަރީމް އާދަމް (ކަރީމްބެ) އަވަހާރަވުމުގެ ހިތާމައިގާ، އެ މަރުޙޫމްގެ ޢާއިލާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ކަރީމްބެ އަވަހާރަވުމާއި ގުޅިގެން ރައީސް މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަރީމްބެ އަވަހާރަވުމަކީ ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާއަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށެވެ. އަދި އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ގެއްލިގެން ދިޔައީ ޞިއްޙީ ދާއިރާއަށް މި ވޭތުވި ބައި ގަރުނަށް ވުރެ ގިނަ ދުވަހު އައި ބަދަލުތައް ގާތުން ދެކެވަޑައިގެންނެވި، ތަޖްރިބާކާރު އަދި އެންމެންގެ ލޯތްބާއި އިޙްތިރާމް ލިބިވަޑައިގެން ހުންނެވި ނަމޫނާ ސަހްޞިއްޔަތެކެވެ.
މީގެ އިތުރުން ރައީސް ޑރ. މުޢިއްޒު ވަނީ، މަރުޙޫމް ކަރީމްބެ އަކީ ދިވެހި ދައުލަތަށް ދިގު މުއްދަތަކު ޚިދުމަތްކުރެއްވުމުގެ އިނާމު ލިބިވަޑައިގެންފައިވާ ޝަރަފްވެރިއެއްކަން ފާހަގަކުރަށްވާފައެވެ.
ކަރީމްްބެއަކީ ދިވެހި ދައުލަތަށް 47 އަހަރު ޚިދުމަތް ކުރެއްވިއެވެ. 1961 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް ޞިއްޙީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. ރިޓަޔަރ ކުރެއްވިއިރު ހުންނެވީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައެވެ.
އޭނާ ވަނީ ޓީ.ބީ.އާއި ފައިލޭރިއާއާއި، ލެޕްރަސީ ފަދަ ބަލިތަކަށް ފަރުވާދިނުމުގައި އެކި އަތޮޅުތަކުގައި 4 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރައްވައިފައެވެ. މާލޭގެ ފެންވަޅު ކްލޮރިނޭޓް ކުރުމާއި، ބޯފެން ޓެސްޓް ކުރުމާއި، ކޮލެރާ ވެކްސިން ދިނުމުގެ މަސައްކަތް ވެސް ކުރެއްވިއެވެ. މީގެ އިތުރުން، ހޮޓާ ރެސްޓޯރެންޓްތަކުގެ ސާފުތާހިރުކަން ބައްލަވައި، ކަންނެލި އެކްސްޕޯޓް ކުރުމުގެ ސެޓްފިކެޓް ދޫކުރެއްވުމާއި، ބޭސް އިމްޕޯޓް ކުރުމުގެ ހުއްދަ ދިނުންފަދަ ގިނަ މަސައްކަތްތައް ވެސް ކުރައްވާފައިވެއެވެ. ބަލި މީހުންނަށް ފަރުވާ ދިނުމަށާއި، ކުދިން ޚިތާނުކުރުމުގެ މަސައްކަތް ވެސް ކުރެއްވިއެވެ.
ކަރީމްބެގެ ޤައުމީ ޚިދުމަތްތައް ފާހަގަކުރައްވާ، 2023 ވަނަ އަހަރު ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ވަނީ ދެއްވާފައެވެ.
ކަރީމްބެގެ މައްޗަށް ކަށުނަމާދު އޮންނާނީ މިއަދުގެ ޢަޞްރު ނަމާދަށް ފަހު، އިސްލާމީ މަރުކަޒުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!