ށ. އަތޮޅުގައި އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމަށް އެ އަތޮޅު ބިލެތްފަހި ކައުންސިލާއި އަތޮޅު ކައުންސިލާ ދެމެދު އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ބިލެތްފަހީގައި ށ. އަތޮޅުގައި އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމަށް ހަމަޖެހުނީ ށ. އަތޮޅު ކައުންސިލުން ހުޅުވާލި ފުރުސަތުގެ ދަށުން ބީލަން ބިލެތްފަހި ކައުންސިލުން ކާމިޔާބުކޮށްގެންނެވެ.

Ad
rt

ށ. އަތޮޅު ކައުންސިލުން އަތޮޅު ފެންވަރުގައި ގައުމީ ދުވަސް ފާހަގަކުރަން ނިންމީ އަތޮޅު ރައްޔިތުންގެ މެދުގައި ޤައުމިއްޔަތު ދިރުވައި އާލާކޮށް އިޖްތިމާއީ ގުޅުން ބަދަހި ކުރުމުގެ މަޤުސަދުގައެވެ.

މީގެ އިތުރުން ދިވެހީންގެ ޘަޤާފަތާއި އާދަކާދަތައް ދިރުވައި އާލާކުރުމާއިއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދީ، ދިވެހީންގެ މިނިވަންކަމާއި ސިޔާދަތާއި އިސްޠިޤުލާލު ދެމެހެއްޓުމުގެ ޝައުޤު އިތުރުކުރުމަކީ ވެސް މި ދުވަސް ފާހަގަކުރުމުގެ މަޤްޞަދެކެވެ.

ބިލެތްފަހީގައި ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ދުވަހާއި ގުޅޭ ރަސްމީ ޖަލްސާ ބޭއްވުމާއި، ޖަލްސާގެ ތެރެއިން އަތޮޅުގެ އެންމެ ހިންގުންތެރި އަންހެނުންގެ ކޮމިޓީތަކަށް އެވޯޑުދީ، ޤައުމިއްޔަތު ދައްކުވައިދޭ ޚާއްޞަ ހަވީރެއް އިންތިޒާމްކޮށް ބޭއްވުމުގެ އިތުރުން ދިވެހި ޘަޤާފީ އައިޓަމް ތަކާއެކު ރޭގަނޑު ބޮޑުކޭން ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

ށ.އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމަށް ކަނޑައަޅާފައިވަނީ 30 އޮގަސްޓް 2025 ވާ ހޮނިހިރު ދުވަހުއެވެ.