ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދިޔަ "ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަން 2025"ގެ އެއްވަނަ ބ. ތުޅާދޫ އަށް ނިސްބަތްވާ އާއިޝަތު ފިނާ ފިރާޤު ހޯދައިފިއެވެ.
ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދިޔަ "ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަން''ގެ 6 ވަނަ ސީޒަންގެ ގްރާންޓް ފިނާލޭ ރޭ ބާއްވާފައިވާއިރު، މިއަަހަރުގެ މުބާރާތުން 1 ވަނަ ހޯދި ފިނާއަށް ފައިސާގެ އިނާމާއި ޓްރޮފީ ހަވާލުކޮށްދެއްވީ ރޭގެ ޝަރަފްވެރި މެހްމާން އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އަޙްމަދު ނަރީޝްއެވެ.
މި މުބާރާތުން 1 ވަނަ ހޯދި ފިނާއަށް މުބާރާތުގެ ޓައިޓްލް އެވޯޑުގެ އިތުރުން 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ. އަދި ކޮންޓްރެކްޓް އުސޫލުން އެއް އަހަރު ދުވަހު ދިވެހިރާއްޖޭގެ އަޑުގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތާއި، އިތުރު އިނާމްތައް ވެސް ވަނީ ދީފައެވެ.
މި މުބާރާތުން ދެވަނަ ހޯދީ ރ. އަލިފުއްޓަށް ނިސްބަތްވާ ލަސަން މުޙައްމަދު އެވެ. ގެ 2 ވަނަ ހާސިލްކުރި ލަޝަންއަށް 20،000 އަދި 3 ވަނަ ހާސިލް ކުރި އަލީ ޖައިޝަންއަށް 15،000 ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން އިތުރު އިނާމްތައްވެސް ދީފައިވެއެވެ.
މު މުބާރާތުގެ 3 ވަނަ މާލެ ސިޓީ އަށް ނިސްބަތްވާ ޢަލީ ޖައިޝަން ހޯދިއިރު، ހަތަރު ވަނަ ލިބުނީ ތ. މަޑިފުއްޓަށް ނިސްބަތްވާ ޢަލީ ހަސީން އަށެވެ. އަދި މުބާރާތުގެ ގަދަ 5ގެ ފަސް ވަނަ ހޯދީ ހއ. ދިއްދޫ އަށް ނިސްބަތްވާ އައިމިނަތު އީނާސް އެވެ.
މި މުބާރާތުގެ 6 ވަނަ ސީޒަންގައި ބައިވެރިވުމަށް ހުޅުވާލީ މިދިޔަ މާރިޗުމަހުގެ ތެރޭގައެވެ. މިއީ އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެހެން ކުރިއަށްގެންދާ މުބާރާތެކެވެ. މިފަހަރުގެ ސީޒަންގެ އޮޑިޝަންތަކުގައި 100 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވިއެވެ.
ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ މި ސީޒަންގައި ފަނޑިޔާރުކަން ކުރައްވާފައި ވަނީ ދިވެހިރާއްޖޭގެ އަޑަށް ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ އަދި ގިނަ ބައެއްގެ ލޯތްބާއި މަޤުބޫލުކަން ހޯދާފައިވާ ޕްރެޒެންޓަރުންކަމުގައިވާ މޫމިނާ އިބްރާހިމާއި އަލީ ރާޒީގެ އިތުރުން ހަސަން ހަލީމެވެ.
2016 ވަނަ އަހަރުން ފެށިގެން ޕީ.އެސް.އެމްގެ ދިވެހިރާއްޖޭގެ އަޑުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތަކީ ރޭޑިއޯ ޕްރެޒެންޓިންގެ ދާއިރާއަށް ހުނަރުވެރި ޒުވާނުން ތަޢާރަފުކޮށް މި ދާއިރާއިން އިތުރަށް ކުރިއަށްދެވޭނެ މަގުފަހިކޮށްދިނުމަށް ބާއްވަމުން އަންނަ މުބާރާތެކެވެ. އަދި މިއީ މި ދާއިރާއަށް ޝަޢުގުވެރިވާ ޒުވާނުންނަށް ޚާއްސަކޮށްގެން ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ފޯރިގަދަ، އެންމެ ވާދަވެރި އަދި އެންމެ ބޮޑު މުބާރާތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!