އަތޮޅު ކައުންސިލްތަކަކީ ބޭކާރު ބޮޑީއެއް ކަމަށާއި އަދި އެއީ ވަކިން ހިންގާ ވަކި ފެކްޝަނެއްކަމަށް ހދ. ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގް މުހައްމަދު ވިދާޅުވެއްޖެއެވެ.
ފިރާގް މިހެން ވިދާޅުވީ، ހދ. އަތޮޅު ކައުންސިލުން މިއަހަރު ބާއްވާ ތިލަދެކުނު ޤުރްއާން މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ހުޅުވާލައި އަތޮޅު ކައުންސިލުން ކުރި ޢިއުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅި ހަނިމާދޫ ކެތިއަރާ ޖަމިއްޔާއަށް ދިން ޖަވާބު ފޭސްބުކްގައި ހިއްސާ ކުރަށްވައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި ފިރާގު ވިދާޅުވީ، ބަޔަކާ ކަމެއް ހަވާލު ކުރާއިރު އެއްމެ ބޮޑު އިސްކަމެއްދެނީ އެއްމެ ކުޑަ އަގަށާއި، ތަޖުރިބާއަށް ކަމަށެވެ. ނަމަވެސް ހދ.އަތޮޅު ކައުންސިލުން ވަނީ މުޅިން ތަފާތު ނަމުނާއެއް ދައްކާފައިކަމަށް އޭނާ ލިޔުއްވާފަވެއެވެ.
''މީ މީގެ ކުރިން ހދ އަތޮޅު ކައުންސިލުން މިކަން ކުރާގޮތެއް ނޫނެވެ. ހާއްސަކޮށް އަތޮޅުކައުންސިލުގައި އެ ތިއްބަވަނީ އަޅުގަނޑުމެން ރަަށްރަށް ތަމްސީލް ކުރާ ރަށު މީހުންނަށްވާއިރު ހދ ގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ މިފަދަ މުބާރާތްތައް ކުރިއަށް ގެންދިއުމުގައި މީގެން އެއްވެސް ރަށެއްގެ ހިޔާލެއް، މަޝްވަރާއެއް ނުބަލައެވެ.'' ފިރާގް ލިޔުއްވާފަވެއެވެ.
އޭނާ ވިދާޅުވީ، މީގެ ކުރިން ބޭއްވި ކޮއްމެ މުބާރާތެއްގައި އެކި ރައްރަށުން އެކި ރައްޔިތުން ވަނީ ރަނގަޅުކުރުމަށް އެތައް ހިޔާލެއްދީފައި ކަމަށެވެ. އަދި ދެން އަންނަ މުބާރާތެއްގައި އެކަންކަން ރަނގަޅު ކުރާނެކަމަށް އަތޮޅު ކައުންސިލުން ޖަވާބު ދީފައިވާކަމަށް ވެސް ފިރާގް ވިދާޅުވިއެވެ.
''މިދިޔަ އަހަރާ ކުރީ އަހަރުވެސް ތަކުރާރުކޮށް ރައްޔިތުން އެދުނު ސިޓީގެ ދަރިވަރުންގެ ވަނަތައް ވަނަ ހޮވާއިރު ވަކި ކޮށްދިނުމަށް، އަދި މުބާރާތް އެއްކޮށް ބޭއްވިނަމަވެސް، ރައީސް ޑރ. މުއިއްޒު ވިދާޅުވިފަދައިން މިއީ ހަމަ ބޭކާރު ބޮޑީއެއް، ވަކިން ހިންގާ ވަކި ފެކްޝަނެއް، ރައްރަށުގެ ވެރިންތިބެމެ އެ ރައްރަށަށް އަންނަންވާ ކުރިއެރުން ނުގެނެވުނު ދައުލަތެއް'' އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ ފިރާގް ވިދާޅުވެފަވެއެވެ.
ހދ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "ތިލަދެކުނު ޤުރުއާން މުބާރާތް 2025" ހޯސްޓް ކުރަން ހުޅުވާލި ބީލަން ކާމިޔާބުކޮށްފައި ވަނީ ހދ. މަކުނުދޫ ކައުންސިލުންނެވެ. މި ބީލަމުގައި ދެން ބައިވެރިވެފައި ވަނީ ހަނިމާދޫ ކެތިއަރާ ޖަމިއްޔާގެ އިތުރުން ކުޅުދުއްފުށީ ސިޓީގެ މަންޓާ ސްޕޯޓްސް އެކަޑަމީ އެވެ.
މި ބީލަމުގައި އެންމެ ކުޑައަގެއް ހުށަހަޅާފައި ވަނީ ކެތިއަރާއިންނެވެ. އެއީ 80،000 ރުފިޔާ އެވެ. ބީލަން ކާމިޔާބުކުރި މަކުނުދޫ ކައުންސިލުން ހުށަހަޅާފައި ވަނީ 10،0000 ރުފިޔާއެވެ. މަންތާއިން ހުށަހެޅީ 2،28600 ރުފިޔާއެވެ.
މަކުނުދޫ ކައުންސިލުން މި ބީލަން ކާމިޔާބު ކުރީ 86 ޕޮއިންޓް ހޯދައިގެންނެވެ. ކެތިއަރާ އަށް 83.3 ޕޮއިންޓް ލިބުނުއިރު، މަންތާ އަށް ލިބުނީ 31.2 ޕޮއިންޓެވެ.
ހދ. އަތޮޅު ކައުންސިލުން ވަނީ މި ބީލަމާއި ގުޅިގެން ކެތިއަރާގެ އެއްވެސް ޝަކުވާއެއް އޮތްނަމަ މާލިއްޔަތު ސާކިއުލަރއާއިއެއްގޮތަށް އެ ޝަކުވާއެއް ހުށަހަޅަން މުހުލަތު ދީފައެވެ.
މަކުނުދޫގައި މި މުބާރާތް ކުރިއަށް ދާނީ މިއަހަރު އޮގަސްޓް 11 އިން 14 އަށެވެ.
ތިލަދެކުނު ޤުރުއާން މުބާރާތަކީ ހދ. އަތޮޅު ކައުންސިލުން އެ އަތޮޅުގައި ކޮންމެ އަހަރަކުހެން ކުރިއަށްދާ މުބާރާތެކެވެ. މިދިޔަ 2024 ވަނަ އަހަރު މި މުބާރާތް ބާއްވާފައި ވަނީ އެ އަތޮޅު ހަނިމާދޫގައެވެ. މިދިޔަ އަހަރުގެ މުބާރާތުގައި 15 ސްކޫލަކުން 203 ދަރިވަރުން ބައިވެރިވެފައިވާއިރު މުބާރާތުގައި އެންމެ މޮޅު ސްކޫލަކަށް ހޮވުނީ މިއަހަރު މުބާރާތް ބާއްވަ ރަށް، މަކުނުދޫގެ މަކުނުދޫ ސްކޫލެވެ. ދެވަނަ ހޯދާފައިވަނީ ނޮޅިވަރަމް ސްކޫލުންނެވެ. ތިން ވަނަ ލިބިފައިވަނީ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!