ހުޅުމާލެ، ފޭސް 1، އިންޑަސްޓްރިލް ޒޯންގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، އެ ސަރަހައްދުގައި ދުން ބޯވެ ފެތުރެމުން ދާތީ، ދިވެހި ފުލުހުންގެ ޚިދުމަތުން ރައްޔިތުންނަށް ހާއްސަ އިރުޝާދުތަކެއް ދީފިއެވެ.
ރޯވެ އަނދަމުން ދަނީ ހުޅުމާލެ، ފޭސް 1، އިންޑަސްޓްރިލް ޒޯންގައި ހުންނަ އެންސިސްގެ ގުދަނެއްގައެވެ. އެތަނުގައި ރޯވި އަލިފާން އަދި ކޮންޓްރޯލެއް ނުވެއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ އެތަނުގައި ރޯވެ ފެތުރެމުންދާ ދުމުގެ ސަބަބުން ދުރު ފެންނަ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައިކަމަށެވެ. އެހެންކަމުން ހާއްސަކޮށް ނޭވާލުމުގެ ދަތިކަން ހުންނަ ފަރާތްތަކަށް ސިއްހީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮތް ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ފުލުހުން ވަނީ މި ދަނޑިވަޅުގައި ޒަރޫރީ ބޭނުންތަކުގައި މެނުވީ އެ ސަރަހައްދަށް ނުދިއުމަށް އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން، އެ ސަރަހައްދަށް ދާ މީހުން މަގު ބޭނުންކުރައްވާއިރު، ދުރު ނުފެންނާތީ ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ފުލުހުން ވަނީ އިރުޝާދުދީފައެވެ.
އެ ސަރަހައްދުގެ ކައިރި ހިސާބުތަކުގައި ދިރިއުޅޭ އެންމެހައި ފަރާތްތަކުން ގޭގެ ކުޑަދޮރުތަކާއި ދޮރުތައް ރަނގަޅަށް ލައްޕަވައި ބޭރަށް ނުކުންނަވަން ޖެހިއްޖެނަމަ މާސްކު އެޅުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެދިފައެވެ.
''ދިވެހި ފުލުހުންގެ ޚިދުމަތުން މި ކަންކަމަށް ހާއްސަ ސަމާލުކަމެއް ދެއްވައި، ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އެސަރަހައްދުގައި މިގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ސަރަހައްދުގައި މަސައްކަތްކުރާ ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އެންމެހައި ބޭފުޅުން އަމަލު ކުރެއްވުމަށް މިފުރުސަތުގައި ދަންނަވަމެވެ.'' ފުލުހުން ބުނެފަވެއެވެ.
އެތަނުގައި އަލިފާން ރޯވުމާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން ހަރަކާތްތެރިވަމުން އަންނައިރު، މި ހާދިސާ ހިނގާފައި ވަނީ މިރޭ 18:48 ހާއިރުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!