ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގައި އައު ޚިދުމަތްތަކެއް މިއަދު އިފްތިތާޙްކޮށްފިއެވެ.
މި ޚިދުމަތް އިފްތިތާހްކޮށްފައި ވަނީ މިއަދު ބޭއްވި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ގައެވެ.
ކުޅުދުއްފުށީ ޕޯޓްސް ލިމިޓަޑްގައި މިއަދު ހަވީރު ކުރިއަށްދިޔަ އެ ޖަލްސާގައި ކޭއާރުއެޗުގައި ޓެލެމެޑެސިންގެ ޚިދުމަތާއި އެންޑޯމެޓްރިއޯސިސް ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. އަދި ގައިންގަޔަށް ނާރާ ބަލިތަކުގެ ކުލިނިކުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ޑައިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަް ޑޮކްޓަރ އަޙްމަދު އަޝްރަފެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ ކޭއާރުއެޗަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެވޭ ހަނދާނީ ފިލާ ޙަވާލުކުރުމާއި، މަސައްކަތުގެ ރޮނގުން ފާހަގަކޮށްލެވޭ މުވައްޒަފުންނަށް އެކަމުގެ އެވޯޑް ދީފައެވެ. އަދި އެ ހޮސްޕިޓަލަށް 10، 20 އަދި 30 އަހަރަށް ވުރެ ދިގު މުއްދަތަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށް އެވޯޑް ދިނެވެ.
މީގެ އިތުރުން، ހޮސްޕިޓަލަށް ޚިދުމަތްކުރައްވައި، ވަކިވެ ވަޑައިގެންފައިވާ ބޭފުޅުންނަށްވެސް ހަނދާނީފިލާ ދީފަވެއެވެ. މި އެވޯޑްތައް ބައްސަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވާފައި ވަނީ ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދެވެ.
އުތުރުގެ މައި ހޮސްލިޓަލް، ކޭއާރުއެޗުގައި މީގެ ކުރީން ވެސް ވަނީ ގިނަ ޚިދުމަތްތަކެއް ތަޢާރުފްކޮށްފައެވެ. މިގޮތުން ކެންސަރު ބަލި ތަހައްމަލު ކުރަމުން އަންނަ ފަރާތްތަކަށް ދެވޭ ހާއްސަ ފަރުވާއެއް ކަމަށްވާ ކިމޯ ތެރަޕީ ގެ ހިދުމަތް އެ ހޮސްޕިޓަލުން 2023 ވަނަ އަހަރުގެ ޖުލައިމަހު ފަށާފައިވާއިރު، އެ ހޮސްޕިޓަލުން ނުފަޅާ ކުރާ ސާޖަރީ (ލެޕަރޮސްކޯޕިކް ސާރޖަރީ-ކީހޯލް އޮޕަރަޝަން)ގެ ޚިދުމަތާއި، ޕްލާސްޓިކް ސާޖަރީގެ ޚިދުމަތާއި، އެމް.އާރު.އައި، މެމޮގްރަފީ، ސީޓީ ސްކޭން އަދި ޑައިގްނޯސްޓިކްގެ ގިނަ ހިދުމަތްތަކެއް ފެށި، ސިއްހީ ހިދުމަތް ހޯދުމަށް މާލެ ދާންޖެހޭ ޖެހުން ވަރަށް ބޮޑަށް މަދުކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!